ENGLISH

02 ޖުލައި 2025

Advertisement

އަމާޒަކީ ހަ ބިލިއަން ޑޮލަރުގެ ސިނާއަތަކަށް ދިވެހި ޓޫރިޒަމް ބަދަލުކުރުން

11 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، ފޮޓޯ: ސްކްރީން ޝޮޓު

ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމަކީ އަހަރެއްގެ މައްޗަށް ހަ ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭ ސިނާއަތަކަށް ހެދުން ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިޔާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ހަ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ސިނާއަތަަކަށް ހެދުމަކީ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭނުގައި ހިމެނިފައިވާ މުހިއްމު ސިޔާސަތެއް ކަމަށެވެ. ނަމަވެސް އެ އަމާޒަަށް ވާސިލުވުމަށްޓަކައި ވަރަށް ކައިރިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އަދި އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއު ނިންމައިލުމެވެ. ތާރިގު ވިދާޅުވި ގޮތުގައި އެ މަޝްރޫއު ނިންމައި، މި އަހަރު ތެރޭގައި ވީއައިއޭގެ އައު ޓާމިނަލް ބޭނުންކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

ސަރުކާރުން މިހާރު ނިންމާފައިވަނީ ވީއައިއޭގެ އައު ޓާމިނަލުން ބައެއް މި އަހަރުގެ ޖުލައި 26 ވަނަ ދުވަހު ހުޅުވައި ބޭނުންކުރަން ފެށުމަށެވެ. އަދި އެއަށްފަހު ބާކީ ހުރި ބައިތައް މަޑުމަޑުން ހުޅުވަމުން ގޮސް މި އަހަރުގެ ނިޔަލަށް މުޅި ޓާމިނަލް ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެވެ. 

"ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އެ ކުރައްވާ މަސައްކަތަކީ މި އަހަރު ތެރޭ ވެލާނާ އިންޓަނޭޝަނަަލް އެއާޕޯޓު ހުޅުވުން. އެއީ އަޅުގަނޑުމެން ދެން ޓޫރިޒަމްވެސް ފުޅާކުރެވެން އަންނަނީ އެއްކަމަކަށް އެއާޕޯޓަށް އަންނަ ފަތުރުވެރިން އަދި މަތިންދާބޯޓުތައްވެސް އިތުރުކޮށްގެން،" ތާރިގު ވިދާޅުވިއެވެ. 

ވީއައިއޭގެ އިތުރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެއާޕޯޓުތައް އިތުރަށް ތަރައްގީކުރުމަކީވެސް ފަތުރުވެރިކަން ފުޅާކޮށް އެ ސިނާއަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަަލް އެއާޕޯޓު މި އަހަރު ހުޅުވޭއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުވެސް އަޕްގްރޭޑުކުރުމުގެ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. 

މި މަސައްކަތުގެ އިތުރަށް އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ގައުމީ އެއާލައިނަށް އައު މަތިންދާބޯޓުތައް ގެނައުމާއި، އަމިއްލަ އެއާލައިންތަކުގެ ހިދުމަތްތައްވެސް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކަނޑު ދަތުރުފަތުރުގެ ނިޒާމުވެސް ހަރުދަނާކޮށް ކަނެކްޓިވިޓީ ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު