ENGLISH
24 ޖޫން 2025
މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަޤާމަށް އާތިފް
10 ޖޫން 2025
|
އިބްރާހިމް އާތިފް ޝަކޫރު
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަޤާމަށް އިބްރާހިމް އާތިފް ޝަކޫރު ހަމަޖައްސަވައިފި އެވެ.
އެ މަޤާމަށް އާތިފް އައްޔަނު ކުރައްވާފައިވާކަން އޭނާ ވަނީ ޔަޤީން ކޮށް ދެއްވާފަ އެެވެ. އަދި ވިދާޅުވީ ކުންފުންޏަށް ހެޔޮ ބަދަލުތައް ގެނައުމަށް ލަފާ ދެއްވާނެ ކަމަށެވެ.
އާތިފް އަކީ މިފްކޯގެ ވަަރަށް ބޮޑު ޚިދުމަތްތެރި އެކެވެ. އެ ކުންފުނީގެ އެންމެ އިސް މަޤާމުތައް ފުރުއްވާފައިވެ އެވެ. މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ޗީފް އެގްޒެޓިވް އޮފިސަރު ކަމާއި ޑެޕިއުޓީ ސީއީއޯ ކަން ކުރެއްވި އެވެ. ގިނަ އަހަރުތަކަކު އެ ކުންފުންޏަށް ޚިދުމަތް ކުރެއްވި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަގާމުގައި މިހާރު ހުންނެވީ ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އެވެ. ޝަޙީރު އެ މަޤާމަށް އައްޔަނު ކުރެއްވީ މާޗް ފަސްވަނަ ދުވަހު އެވެ.
ފަރުޙަތުގެ ކުރީން އެ މަގާމުގައި ހުންނެވީ ސްވިޒާލޭންޑަށް ނިސްބަތްވާ ޑޮކްޓަރ ވިޓާލީ ލިއުބިމޮވް އެވެ. ވިޓާލީ އެ މަގާމުން ވަކިކުރެއްވީ މާޗް މަހުގެ ތިންވަނަ ދުވަހު އެވެ.
ސަރުކާރުން ދަނީ މިފްކޯގެ ހިންގުން ހަރުދަނާކޮށް އެއީ ފައިދާގައި ހިންގާ އަދި މަސްވެރިކަމުގެ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް މިފްކޯގެ ތެރޭގައި އެއްވެސް ބާވަތެއްގެ ކޮރަޕްޝަނަކަށް ޖާގަ ނުދެއްވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.