ENGLISH

25 މޭ 2026

Advertisement

ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައި ވަނިކޮށް މެސީއަށް އަނިޔާގެ ބިރުވެރިކަން

25 މޭ 2026

އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ: އަނިޔާގެ ބިރުވެރިކަމާއި ވަނީ ކުރިމަތިލާން ޖެހިފައި --

ފީފާ ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް އަނިޔާގެ ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މި ކަންބޮޑުވުން އުފެދުނީ އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގައި އާދީއްތަ ދުވަހު، ބޯ ވިއްސާރައިގައި އިންޓަރ މަޔާމީ އާއި ފިލަޑެލްފިއާ ޔޫނިއަން ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގައި، އޭނާގެ ވާތުފައިގެ ފަހަތުން ފަލަމަސްގަނޑުގައި ހިފަހައްޓައިގެން ހުރުމަށްފަހު، މެޗުގެ 73 ވަނަ މިނެޓުގައި އަމިއްލައަށް އެދިގެން މެސީ ބަދަލުކުރުމާ ގުޅިގެންނެވެ.

އެހެން ނަމަވެސް މެޗުގައި އޭގެ ކުރިން އޭނާގެ ހަރަކާތްތަކުން އަނިޔާއެއް ނުވަތަ  އުނދަގުލެއް އުޅޭހެނެއް ހީނުވެއެވެ. އަދި ދަނޑުން ފޭބިއިރުވެސް ދިޔައީ ހިނގާފައި އާދައިގެ ގޮތަކަށެވެ. ނަމަވެސް ބެންޗުގައި މަޑުނުކޮށް ދިޔައީ ސީދާ ޗޭންޖިން ރޫމަށެވެ.

މެސީގެ ހާލަތާ ގުޅޭގޮތުން ކޯޗު ހޯޔޯސް ބުނީ މިހާތަނަށް މެސީގެ މެޑިކަލް ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ. އެހެންނަމަވެސް އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށެވެ.

އަންނަ ޖޫން މަހުގެ 11ގައި ފަށާ ވޯލްޑް ކަޕުގައި މެސީ ކުޅޭނެކަން އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް، އޭނާ މި މުބާރާތުގައި ފެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. 

އަންނަ ހަފުތާގައި އާޖެންޓީނާގެ ސްކޮޑް އިއުލާންކުރަން ހަމަޖެހިފައިވާއިރު، އެ ގައުމުގެ ފުރަތަމަ މެޗުގައި ޖޫން 16 ގައި ބައްދަލުކުރާނީ އަލްޖީރިއާއެވެ. 

މެސީ ފަހަކަށް އައިސް ވަނީ އޭނާގެ މަސައްކަތު ރޭޓު ވަރަށް ބޮޑަށް މެނޭޖުކޮށްފައެވެ. ނަމަވެސް، ފައިގެ ފަލަމަސްގަނޑަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ބައެއް މެޗުތަކުގައި އޭނާ ނުކުޅެ މަޑުކުރަން ޖެހިފައިފައިވާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ.

އިންޓަރ މަޔާމީއާ މެސީ ގުޅުނީ 2023 ވަނަ އަހަރެވެ. މެސީ ވަނީ އަށް ފަހަރު ބަލޮންޑޯ އެވޯޑުވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު