ENGLISH

21 ޖުލައި 2026

Advertisement

ބޭންކް އޮފް މޯލްޑިވްސްގެ ކޯ ބޭންކިން ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަނީ

21 ޖުލައި 2026

|

އައިމިނަތު ޝަފާ

ބޭންކް އޮފް މޯލްޑިވްސްގެ ކޯ ބޭންކިން ނިޒާމު މާލީ ދާއިރާގެ ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ފިނަސްޓްރާގެ އެހީގައި ޒަމާނީކުރުމުގެ މަސައްކަތް ފަށައިފިއެވެ. 

ގައުމީ ބޭންކުން ބުނީ ކޯބޭންކިންގް ނިޒާމު ޒަމާނީ ކުރުމަށާއި ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި 'ފިނަސްޓްރާ އެސެންސް' ޕްލެޓްފޯމް ހޮވާފައިވާކަމަށެވެ.  މި އެއްބަސްވުމުގެ ސަބަބުން އައު އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރުން އަވަސްވެ، ބޭންކުގެ މަސައްކަތްތައް ހަރުދަނާވުމުގެ އިތުރުން، ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެކަމަށެވެ. 

ފިނަސްޓްރާ އެސެންސް ގާއިމުކުރުމުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބިގެންދާނެ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި ހިމެނެނީ:

- އައު އުފެއްދުންތަކާއި ޚިދުމަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން.

- އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް، މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.

- ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، އީޖާދީ ޚިދުމަތްތައް ދިނުމަށް ރިލޭޝަންޝިޕް މެނޭޖަރުންނަށް މަގުފަހިވުން.

- ބޭންކުން ފޯރުކޮށްދެމުންދާ ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގެ އެކި އުފެއްދުންތަކާއި ޚިދުމަތްތައް، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުން.

މިކަމާ ގުޅިގެން ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އަމާޒަކީ މެދުކެނޑުމެއްނެތި އައު އީޖާދުތައް ތައާރަފުކުރުމާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ކުރިއެރުން ހޯދައިދިނުންކަމަށެވެ.

" ފިނަސްޓްރާ އެސެންސްއާއެކު އަޅުގަނޑުމެން މި ފެށި މަސައްކަތަކީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން، ހަލުވިކަމާއެކު އައު އީޖާދުތައް ތަޢާރަފުކުރުމަށާއި، މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ އަދި ވަރުގަދަ ބިންގަލެއް އެޅިގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

ފިނަސްޓްރާގެ ޔުނިވާސަލް ބޭންކިންގެ އީ.ވީ.ޕީ ޝަވާން ބައިރަން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބު ކަމަށާއި ބޭންކުގެ ހިދުމަތްތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބިގެންދިޔަ އުފަލެއްކަމަށެވެ.

" ބީއެމްއެލް އިން ފިނާސްޓްރާ އެސެންސް އިޚްތިޔާރު ކުރުމުން ހާމަވަނީ، އަޅުގަނޑުމެންގެ ކޯ ބޭންކިންގ ޕްލެޓްފޯމުގެ ވަރުގަދަކަމާއި ފަހެލިކަން. އަދި މާލީ އިދާރާތަކުން ހަރުދަނާކަމާއެކު ހަލުވި ދުވެލީގައި އައު އީޖާދުތައް ތަޢާރަފުކުރުމަށް އަޅުގަނޑުމެންނަށް ދެވޭ އެހީތެރިކަން. ބޭންކުގެ އުންމީދީ ކުރިއެރުމާއި ބަދަލުތައް ހާސިލުކުރުމުގައި އެހީތެރިވެދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ޝަވާން ބައިރަން ވިދާޅުވިއެވެ. 

ބޭންކުން ބުނީ ފިނަސްޓްރާ އެސެންސް އިހުތިޔާރުކުރީ އެ ޕްލެޓްފޯމުގައި ހިމެނޭ ފުރިހަމަ ހިދުމަތްތަކާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި، ޕްލެޓްފޯމުގެ ފްލެކްސިބިލިޓީގެ ސަބަބުންކަމަށެވެ. މީގެ އިތުރުން، ފިނަސްޓްރާގެ މަސައްކަތްތަކުގެ ފެންވަރާއި، ބާޒާރުގައި އެ ކުންފުންޏަށް އޮތް އިތުބާރާއި، މި ޕްރޮޖެކްޓް ވަޒަންކުރުމުގެ މަރުހަލާގައި އެ ކުންފުނިން ދެއްކި ޕާފޯމަންސަށް ބެލިކަމަށް ބޭންކުން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު