ENGLISH

21 ޖުލައި 2026

Advertisement

މެސީ ނުލައި އެނބުރި ޤައުމަށް ދިޔަ އާޖެންޓީނާ ޓީމަށް ހޫނު މަރުހަބާއެއް

21 ޖުލައި 2026

|

އިސްމާއިލް ޝާހު

އާޖެންޓީނާގެ ޓީމަށް އެ ޤައުމުގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔަނީ --- ފޮޓޯ: އޭއެފްޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި ސްޕެއިން އަތުން ބަލިވުމަށްފަހު، އެނބުރި ޤައުމަށް ދިޔަ އާޖެންޓީނާގެ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް، ފިންޏާއި ވާރޭގެ ތެރޭގައި އެތައް ހާސް ސަޕޯޓަރުންނެއް މަގުތަކަށް ނުކުމެއްޖެއެވެ. ނަމަވެސް މި ދަތުރުގައި އެ ޓީމުގެ ތަރި ލިއޮނެލް މެސީ ބައިވެރިވެފައެއް ނުވެއެވެ.

މިއީ 2022 ވަނަ އަހަރުގެ ކާމިޔާބީއަށްފަހު އާޖެންޓީނާގެ ރައްޔިތުން އުއްމީދުކުރި ފަދަ އެނބުރި އައުމަކަށް ނުވި ނަމަވެސް، ކުޅުންތެރިންނަށް ޝުކުރު އަދާކުރުމަށްޓަކައި ގިނަ ބަޔަކު ވަނީ އުފާފާޅުކޮށް، ލަވަކިޔައި، ހަވާއެރުވުމުގައި ބައިވެރިވެފައެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޓީމުގެ ބައެއް ކުޅުންތެރިން މި ދަތުރުގައި ބައިވެރިއެއް ނުވެއެވެ. އެގޮތުން ޓީވީތަކުން ދެއްކި މަންޒަރުތަކުން ފެނުނު ގޮތުގައި، ޓީމުގެ ކެޕްޓަން މެސީ ބޯޓުން ފައިބާފައެއް ނުވެއެވެ. ކޯޗު ލިއޮނެލް ސްކަލޯނީ އާއި ޓީމުގެ އެހެން މެންބަރުންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިގެ މަރުހަބާއަކާއި މިލިޓަރީ ބޭންޑަކާ އެކުގައެވެ. އޭގެފަހުން ޓީމުގެ މެންބަރުން ބަހެއްގައި ދަތުރުކުރިއިރު، މަގުގެ ދެފަރާތުގައި ތިބި ސަޕޯޓަރުންނަށް ވަނީ އަތް ހޫރުވައި ސަލާންކޮށްފައެވެ.

ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި ހޯދުމުގެ ފުރުސަތު ގެއްލުނު ނަމަވެސް، އާޖެންޓީނާގެ ރައްޔިތުން ތިބީ އުފާފާޅުކުރުމުގެ ރޫހެއްގައެވެ. 

ފައިނަލް މެޗުގައި 1-0 ގެ ނަތީޖާއަކުން ސްޕެއިން އަތުން އާޖެންޓީނާ ބަލިވިއިރު، އެ މެޗުގައި އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ގިނަ ފައުލްތަކަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ފާޑުކިޔާފައެވެ. ނަމަވެސް ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މި މުބާރާތުގެ އެންމެ ބޮޑު ކާމިޔާބީއަކީ ސެމީ ފައިނަލުގައި އިންގްލެންޑް އަތުން 2-1 އިން އާޖެންޓީނާ މޮޅުވުމެވެ. މިއީ ފޯކްލެންޑް ޖަޒީރާގެ މިލްކުވެރިކަމާ މެދު ދެ ޤައުމުގެ ދެމެދުގައި އޮންނަ ހިޔާލުތަފާތުވުންތަކާ ގުޅިފައިވާ މުހިންމު މޮޅެކެވެ.

"ފޯކްލެންޑަކީ އާޖެންޓީނާގެ ތަނެއް" ކަމަށް ލިޔެފައިވާ ދިދަތައް ބައެއް ސަޕޯޓަރުން އުފުލިއެވެ. އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު މިފަދަ ލިޔުމެއް އޮތް ބެނާއެއް އާޖެންޓީނާގެ ކުޅުންތެރިން ދެއްކި މައްސަލަ ފީފާއިން މިހާރު ދަނީ ބަލަމުންނެވެ.

މެސީ އެނބުރި އާޖެންޓީނާއަށް ނުދިޔަ ނަމަވެސް، އޭނާގެ އިންސްޓަގްރާމުގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ލިބުނު ހިތާމަ ވަރަށް ބޮޑު ކަމަށާއި، މި ޒަޚަމު ފަސޭހަވާން ގިނަ ދުވަސް ނަގާނެ ކަމަށެވެ. ނަމަވެސް ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ފައިނަލަށް ދެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

އެ ޤައުމުގެ ރައީސް ހާވިއޭ މިލެއީ ވަނީ ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅުއްވާނެ ކަމަށް އިއުލާންކުރައްވާފައެވެ.

މިދިޔަ އާދީއްތަ ދުވަހުގެރޭ، ވެރިރަށް ބިއުނަސް އައިރީސްގެ މަޝްހޫރު "އޮބެލިސްކް" ސަރަހައްދުގައި އެތައް ގަޑިއިރެއް ވަންދެން އުފާފާޅުކުރުންތައް ކުރިއަށްދިޔައެވެ. ނަމަވެސް ދަންވަރުގެ ވަގުތެއްގައި ބައެއް ހަމަނުޖެހުންތައް ހިނގައި، ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްގެން މީހުން ދުރުކޮށްފައެވެ. މި ހާދިސާގައި 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު