ENGLISH

21 ޖުލައި 2026

Advertisement

ގއ. ވިލިނގިލީ ވަޤުފު އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ކޮންކުރީޓު އެޅުމަށް ތައްޔާރުވެއްޖެ

21 ޖުލައި 2026

|

އާމިނަތު ނުޒްލާ

ގއ. ވިލިނގިލީގައި ތަރައްގީކުރަމުންދާ ވަޤުފު އިމާރާތުގެ މަސައްކަތްތައް ކުރިއަށްދަނީ - ފޮޓޯ: އިސްމާލީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާ

ގއ. ވިލިނގިލީގައި ތަރައްޤީކުރަމުންދާ ވަޤުފު އިމާރާތުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާއިރު، އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ކޮންކުރީޓު އެޅުމުގެ މަސައްކަތަށް ތައްޔާރުވެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޝްރޫއަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 10 މިލިއަން ރުފިޔާއަށް، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އިސްލާމިކް މިނިސްޓްރީގެ އަންދާޒާއަކީ މި އިމާރާތް ނިމި ބޭނުންކުރަން ފެށުމުން، އާމްދަނީގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 744,000 ރުފިޔާގެ ފައިދާއެއް ލިބޭނެ ކަމަށެވެ. އަތޮޅުތަކުގައި މިފަދަ ވަޤުފު އިމާރާތްތައް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ އެ އަތޮޅެއްގެ އިސްލާމީ ކަންކަން އިތުރަށް ހަރުދަނާކޮށް، މިސްކިތްތައް މަރާމާތުކުރުމާއި ދީނީ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދާއިމީ ގޮތެއްގައި ހޯދުމެވެ. މި އިމާރާތްތަކުން ލިބޭ އާމްދަނީ ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން އެ ރަށެއްގެ ކައުންސިލުންނެވެ.

ގއ. ވިލިނގިލީގައި ތަރައްގީކުރަމުންދާ ވަޤުފު އިމާރާތުގެ މަސައްކަތްތައް ކުރިއަށްދަނީ - ފޮޓޯ: އިސްމާލީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާ

މިވަގުތު ރާއްޖޭގައި ހުރީ މާލޭގައި ހުންނަ "ދާރުލް އީމާން" އެކަންޏެވެ. އެ އިމާރާތުން އަހަރަކު 6 މިލިއަން ރުފިޔާ ލިބޭއިރު، ސަރުކާރުގެ އަމާޒަކީ މާލެއާއި ހުޅުމާލޭގައި އިތުރު ވަޤުފު އިމާރާތްތައް ބިނާކޮށް، އަހަރަކު 50 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމެވެ. މީގެ ތެރޭގައި މާލޭގައި ތަރައްގީކުރާ 12 ފަންގިފިލާގެ "ދާރުލްއަރުޤަމް" އާއި ހުޅުމާލޭގައި ބިނާކުރާ 12 ފަންގިފިލާގެ "ދާރުއްސަލާމް" ހިމެނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަޤުފު މަޝްރޫއުތައް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، ވިލިނގިލީގެ އިތުރުން ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީގައިވެސް ވަޤުފު އިމާރާތް އެޅުމުގެ މަސައްކަތް ވަނީ ހަވާލުކުރެވިފައެވެ. އަދި އައްޑޫ ސިޓީގައި ވަޤުފު އިމާރާތެއް އެޅުމަށް ބޭނުންވާ ކޮންސެޕްޓް ފަރުމާކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ކަންކަމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން، ދީނީ ކަންކަމަށް ދާއިމީ މާލީ ނިޒާމެއް ގާއިމްކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު