ENGLISH
21 ޖުލައި 2026
އުފެއްދުންތެރި މައުރަޒުގައި ބައިވެރިވުމަށް 350 ފަރާތަކުން ހުށަހަޅައިފި
21 ޖުލައި 2026
|
މިދިޔަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން..
އެންމެ މަޤްބޫލު
މި އަހަރު ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 350 ފަރާތަކުން ހުށަހަޅާފައިވާކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން --- ބީސީސީން ބުނެފިއެވެ.
ބީސީސީން ބުނީ މިއަހަރުގެ މައުރަޒަށް މިހާތަނަށް 350 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާ ކަމަށެވެ. މިދިޔަ އަހަރު އެކްސްޕޯގައި ބައިވެރިވި 240 ފަރާތަކުންނެވެ. އެހެންކަމުން މިއީ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބީސީސީން ފާހަގަކުރެއެވެ.
މި އަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުމާއި ހިދުމަތްތައް ދައްކައިލުމަށް ފުރުސަތު ލިބޭނެއެވެ. އުމުރުން 13 އަހަރުން މަތީގެ ދިވެހި ފަރުދުންނާއި، ދިވެހި ވިޔަފާރިތަކާއި، ސަރުކާރުގެ ކުންފުނިތަކާއި ތައުލީމީ މުއައްސަސާތަކާއި ކައުންސިލުތަކަށް އަދި ވަކިން ހާއްސަ ކެޓަގަރީއެއްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
ބީސީސީން ބުނެފައިވާ ގޮތުގައި މައުރަޒުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ އޯގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ދިވެހި ހުނަރުވެރިންގެ ހުނަރާއި ގާބިލުކަން ދައްކައިލުމަށް ލިބޭ ބޮޑު ފުރުސަތެއްކަން ފާހަގަކޮށް ބީސީސީންވަނީ މަޑުނުކޮށް ވީހާވެސް އަވަހަށް މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފައެވެ.
މި އަހަރަކީ އުފެއްދުންތެރިކަމުގެ ގައުމީ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާކަން ފާހަގަކޮށް ބީސީސީން ބުނެފައިވަނީ އެ ކުންފުނިން މަސައްކަތްކުރަނީ މި އަހަރުގެ މައުރަޒަކީ އުފެއްދުންތެރިންގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމަށާއި މާކެޓުކުރުމަށް ލިބޭ އެންމެ ފަހި ފުރުސަތަށް ހެދުން ކަމަށެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހާއްސަ ޕޯޓަލެއް ގާއިމުކޮށްފައިވެއެވެ. expo.mv ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ހުރިހާ ކަންކަމެއް ކުރިއަށްގެންދެވޭނެއެވެ.
މި މައުރަޒަކީ ބީސީސީއާއި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ބީސީސީ ގުޅިގެން ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތަކާއި ހިދުމަަތްތައް މާކެޓުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މައުރަޒެކެވެ. މި އަހަރު މައުރަޒު އޮންނާނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހަށެވެ.