ENGLISH

25 މޭ 2026

Advertisement

ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު އަފްޣާނިސްތާނާ ދެކޮޅަށް

25 މޭ 2026

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަަބަތުގައި އަންނަ ޖޫން މަހު ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭަޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި އަފްޣާނިސްތާނާ ބައްދަލުކުރަން ޖެހިއްޖެއެވެ.

ޖޫން މަހުގެ 1-10 އަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ހަތަރު ގައުމެއް ވާދަކުރާނެއެވެ. އެއީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އަފްޣާނިސްތާން އަދި ޕާކިސްތާނެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލުގައި ބައްދަލުކުރާ ގޮތަށެވެ.

މި މުބާރާތުގެ ގުރުއަތުލުން ޕީއެސްއެމް ސްޓޫޑިއޯގައި ރޭ ބޭއްވިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝްއެވެ. އަދި އެރޭ ރާއްޖެ އާއި އަފްޣާނިސްތާން ބައްދަލުކުރާނެއެވެ.

މިއީ 9 އަހަރު ތެރޭގައި ރާއްޖެ އާއި އަފްޣާނިސްތާން ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެންމެފަހުން މި ދެ ގައުމުގެ ކުރިމަތިލުމެއް ފެނިގެންދިޔައީ 2017 ވަނަ އަހަރު، ދުބާއީގައި ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައެވެ. އަދި އަފްޣާނިސްތާން އެންމެ ފަހުން ރާއްޖޭގައި މެޗެއް ކުޅެފައިވަނީ 2014 ވަނަ އަހަރު، އޭއެފްސީ ޗެލެންޖް ކަޕުގައެވެ.

މި މުބާރާތުގެ ދެވަނަ މެޗުތައް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކުޅޭއިރު، އެ ދުވަހުގެ ހަވީރު ރާއްޖެއިން ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެއެވެ. އަދި އެރޭ އަފްޣާނިސްތާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުތައް އަންނަ މަހުގެ ހަތްވަނަ ދުވަހު ކުޅޭއިރު، އެ ދުވަހުގެ ހަވީރު އަފްޣާނިސްތާން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އަދި އެރޭ ރާއްޖެއިން ބަންގްލަދޭޝްއާ ވާދަކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު