ENGLISH
04 ޖުލައި 2025
ޢަރަފާތު ދުވަހަށްވުރެ ގިނައިން މާތް ﷲ، އެކަލާނގެ އަޅުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވޭ: ޚުޠުބާ
30 މޭ 2025
|
އިސްލާމީ މަރުކަޒު-- ފޮޓޯ: އެމްއެމްޓީވީ
ޢަރަފާތު ދުވަހަށްވުރެ ގިނައިން ﷲ ތަޢާލާ، އެކަލާނގެ އަޅުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވާކަމަށް، މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅަކަށް ޙަވާލާދީ، މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ޢަރަފާތު ދުވަހުގެ މާތްކަން" މި މައުޟޫޢަށް މިއަދު މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނެފައިވަނީ، ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރެއިންވެސް އެންމެ މަތިވެރި ވެގެންވާ ދުވަހަކީ ޙައްޖު މަހުގެ ނުވަވަނަ ދުވަސް ކަމަށްވާ ޢަރަފާތު ދުވަސް ކަމަށާއި، މި ދުވަހަށްވުރެ ގިނައިން ﷲ ތަޢާލާ، އެކަލާނގެ އަޅުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވާ ކަމަށެވެ. އަދި ރަމަޟާން މަހުގެ ފަހު 10 ދުވަހުގެ ދުވާލަށްވުރެ، ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މަތިވެރިކަން ބޮޑުވާނެ ކަމަށް ޝައިޚުލް އިސްލާމް، އިބުނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވާ ކަމަށް ވެސް ޚުޠުބާގައި ވެއެވެ.
ޢަރަފާތު ދުވަހަކީ، ހުރިހާ އިންސާނުންގެ ކިބައިން ﷲ ތަޢާލާ އެކަލާނގެއަށް މެނުވީ އަޅުކަން ނުކުރުމަށް ޢަހުދު ކަށަވަރު ހިއްޕެވި ދުވަސް ކަމަށް އަޢުރާފް ސޫރަތުގެ 172 ވަނަ އާޔަތާއި 173 ވަނަ އާޔަތުގެ އަލީގައި ޚުޠުބާގައި ބުނެފައިވެ އެވެ. އެގޮތަށް ޢަހުދު ކަށަވަރު ހިއްޕެވީ، އެކަލާނގެ ފިޔަވާ އިލާހަކު ނުވާކަމަށް ޣާފިލުވެފައިވާ ބަޔަކު ކަމުގައި ތިމަންމެން ވީމޭ ޤިޔާމަތް ދުވަހުން ކާފަރުން ބުނާނެތީ ކަމަށް އެ އާޔަތްތަކުގައި ވެއެވެ. އަދި، ޝަރީކު ކުރީ އެމީހުންގެ ކާބަފައިން ކަމަށާއި، އެމީހުން ހަމައެކަނި ކާބަފައިން ދެއްކި ގޮތަށް ތަބަޢަވީ ކަމަށް ބުނާނެ ކަމަށްވެސް އާޔަތްތަކުގައި ވެއެވެ.
ޙައްޖަށް ނުދެވޭ މީހުން ޢަރަފާތު ދުވަހު ކުރުން އެންމެ މޮޅު އިތުރު ޢަމަލުގެ ގޮތުގައި، ޚުޠުބާގައި ފާހަގަކޮށްފައި ވަނީ ރޯދަހިފުމެވެ. އެހެނީ ޢަރަފާތު ދުވަހުގެ ރޯދައަކީ އިސްވެދިޔަ އަހަރުގެ ކުދި ފާފަތަކާއި ކުރިއަށް އޮތް އަހަރުގެ ކުދި ފާފަތައް ފުއްސަވައިދޭ އަޅުކަމެއް ކަމަށް، މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅެއްގެ އަލީގައި، ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
ޢަރަފާތު ދުވަހު، އެ ބިމަށް އެއްވެފައި ތިބޭ އެންމެންނަށް މާތްﷲ ކުއްތަންވެ ވޮޑިގެން އެކަލާނގެ އަޅުތަކުންނާމެދު ފަޚުރުވެރިވެވޮޑިގެން، މަލާއިކަތުން ހެކިކުރައްވާ، އެ ހުރިހާ އަޅުތަކުންގެ ފާފަތައް ފުއްސަވައިދެއްވައިފި ކަމަށް މަލާއިކަތުންނަށް ވަޙީކުރައްވާނެ ކަމަށް އަލް އިމާމް އިބުނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވާ ބަސްފުޅެއް ޚުޠުބާގައި ގެނެސްފައިވެއެވެ.
މާތް ނަބިއްޔާ އާއި އެކަލޭގެފާނުގެ ކުރިން ވަޑައިންނެވި އެންމެހާ ނަބީ ބޭކަލުންވެސް ކުރެއްވި އެންމެ ރަނގަޅު ދުޢާ ކަމަށް، އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ދުޢާ، ޚުޠުބާގައި ގެނެސްފައި ވެއެވެ. އެ ދުޢާއަކީ، لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ މިއެވެ. (ﷲ ފިޔަވާ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތަ އެވެ. އެކަލާނގެ އަށް ޝަރީކަކު ނުވެއެވެ. ވެރިކަން މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި ޙަމްދު ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.)
ދެވަނަ ޚުޠުބާގައި ބުނެފައިވަނީ، ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ދެން އަންނަނީ އިސްލާމީ ހަމަތަކުގެ ތެރޭގައި އުފާފާޅުކުރުމާއި ކެއިންބުއިމާއި ޒީނަތްތެރިވުމާއި ކުޅިވަރު ކުޅުން އެކުލެވިގެންވާ އަޟްޙާ ޢީދު ދުވަސް ކަމަށާއި، ޢީދު ދުވަސްތައް ފާހަގަކުރެވެނީ މާތް ﷲ އަށް ޝުކުރުކުރުމުގެ ގޮތުން ކުރެވޭ ނަމާދަކުން ކަމަށެވެ. އަދި މި ދުވަހަކީ އެކަކު އަނެކަކަށް ޒިޔާރަތްކޮށް، ސަލާމްކޮށް އުޅުމުގެ ދުވަސް ކަމަށް ވެސް ޚުޠުބާގައި ބުނެފައި ވެއެވެ. އެގޮތުން ޢީދު ނަމާދަށްފަހު ގާތްތިމާގެ މީހުންނަށާއި ރަޙުމަތްތެރިންނަށް ޒިޔާރަތްކޮށް، ޢީދު ތަހުނިޔާ ކިޔުމާއި ސަލާމްކުރުން މުސްތަޙައްބުވެގެންވާ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ދެ މުސްލިމަކު ބައްދަލުވެ، އަތާއި އަތް ޖޯޑުކޮށް، ސަލާމްކޮށްފި ނަމަ އެ ދެމީހުން ވަކިވުމުގެ ކުރިން ﷲ ތަޢާލާ އެމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެ ކަމަށް އައިސްފައިވާ ޙަދީޘް ބަސްފުޅެއް ޚުޠުބާގައި ގެނެސްފައިވެއެވެ.
ޚުޠުބާ ނިންމާލާފައި ވަނީ، ޢީދުގައި އުފާފާޅުކުރުމުގައި އިސްލާމީ އަޚްލާޤުން ބޭރުނުވެ، ތިމާއަށާއި އެހެން މީހުންނަށް ގެއްލުމާއި އުނދަގޫ ކުރިމަތި ނުވާނެ ގޮތަށް އުޅުމަށް ނަސޭހަތްތެރިވަމުންނެވެ.