ENGLISH

17 މޭ 2026

Advertisement

ޒުވާނުންނަށް ބޭއްވި "ޔޫތު ލީޑަރޝިޕް ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި

16 މޭ 2026

|

ހަނާން އަހުމަދު ނައީމް

"ޔޫތު ލީޑަރޝިޕް ކޭމްޕް" ގެ ތެރެއިން- ފޮޓޯ: ޔޫތު އެމްޕަވާމަންޓް

ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި "ޔޫތު ލީޑަރޝިޕް ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޭމްޕު ބާއްވާފައިވަނީ މި މަހުގެ 14 އިން ފެށިގެން މިއަދުގެ ނިޔަލަށް ކ. ހުރާގައެެވެ. މި ކޭމްޕަކީ، 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްގީ ކުރުމަށް ތިން ދުވަހަށް ކުރިޔަށް ގެންދިޔަ ކޭމްޕެކެވެ.

މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގުޅިގެންނެވެ.

އެކު ޖުމްލަ 31 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި ކޭމްޕުގައި އެމްއެންޑީއެފްގެ ފަރާތުން ވަނީ ސެލްފް ޑިފެންސް، ލީޑަރޝިޕް ޓްރެއިޓްސް، ފަންގްޝަނަލް ލީޑަރޝިޕް އަދި ކޮމާންޑް ޓާސްކްތަކާ ގުޅޭ އައުޓްޑޯ ޑެމޯ ސެޝަންތަކެއް ނަގައިދީފައެވެ.

މީގެ އިތުރުން ފަޔަރ އެވެއަރނެސް ސެޝަންތަކާއި، ފުލުހުންނާ ގުޅިގެން ރެސްކިއު ސްވިމިންގެ ޕްރެކްޓިކަލް ސެޝަންތައްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން މައުލޫމާތުދީފައިވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ކްރައިމް ޕްރިވެންޝަން ނުވަތަ ކުށް މަދުކުރުމާ ގުޅޭ މަޢުލޫމާތާއި، ރެސްކިއު ސްވިމިން ތިއަރީ ސެޝަންތައް ނަގައިދެއްވާފައެވެ.

މީގެ އިތުރުން، އެންސީޓީސީގެ ފަރާތުން "ޔޫތު، ޕީސް އެންޑް ސެކިއުރިޓީ"އާ ގުޅޭ ހާއްސަ ސެޝަނެއް ބާއްވާފައިވާ ކަމަށް ވެސް އެވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

ޒުވާނުންގެ މެދުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކުރުމާއި، ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިކަން ހޯދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މިކޭމްޕުގައި ސެޝަންތަކެއް ކުރިއަށްގެންދިޔަ ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެއެވެ.

މިކޭމްޕަށް ބައިވެރިން ހޮވާފައިވަނީ މިމަހުގެ ކުރީކޮޅު އެކަމަށް އިއުލާން ކޮށްގެންނެވެ.

މިފަދަ ކޭމްޕްތަކުގެ މައިގަނޑު މަގްސަދަކީ، މުޖުތަމައުގައި ޒުވާނުންގެ ދައުރު ފުޅާކޮށް، ޒިންމާދާރު ލީޑަރުންތަކެއް ބިނާކުރުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު