ENGLISH

17 މޭ 2026

Advertisement

ބާކީ މެޗެއް އޮއްވައި ދިއްދޫން ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިފި

16 މޭ 2026

|

އިސްމާއިލް ޝާހު

ނޯތު ރީޖަން ލީގުގައި ކުޅުނު މެޗެއްގައި ދިއްދޫގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ދިއްދޫ ސްޕޯޓްސް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައި، ހއ. ދިއްދޫން ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަނުގެ ޖާގައެއް ހޯދައިފިއެވެ. 

ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ދިއްދޫން ހޯދި ބާކީ މެޗެއް އޮއްވައެވެ. އެއީ މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ، 15 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތް ހދ. ހަނިމާދުއަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބ. އޭދަފުއްޓަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ފުލުގައި އޮތް ނ. މަނަދުއަށް ހަތަރު މެޗު ކުޅުނުއިރު، ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ދިއްދޫން ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ މިއަދު ހަވީރު ހަނިމާދޫގައި އެ ރަށާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ދިއްދުއަށް ބާކީ ދެން އޮތީ އޭދަފުއްޓާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އައު އޮނިގަނޑު ހަތަރު ސަރަހައްދަކަށް ބަހާލާފައިވާއިރު، އެ ސަރަހައްދުތަކަކީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަންއެވެ.

ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ދިއްދޫން ހޯދުމާއެކު، ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަނުގެ ޖާގައެއް އެ ޓީމަށް ވަނީ ލިބިފައެވެ. ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަންގައި ކުޅޭނީ ދިއްދޫގެ އިތުރުން، މާލެ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބާއި، ސެންޓްރަލް ރީޖަން ލީގާއި، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ޓީމުތަކުގެ އިތުރުން، ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު ގްރީން ސްޓްރީޓްސްއެވެ. 

ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއަރ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޖާގަ ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު