ENGLISH

05 ޖުލައި 2025

Advertisement

ރައީސް އަށް ހުށަހެޅުއްވިކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ ވަރަށް އުފާވޭ: ކެއުޅުން

19 މޭ 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް ކެއުޅުން ހުށަހެޅުއްވިކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ ވަރަށް އުފާކުރައްވާ ކަމަށް ކެއުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

ކެއުޅުން މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ރައީސްއާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކެއުޅުން ވިދާޅުވީ 48 ގަޑިއިރުތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން އައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން އެ ބޭފުޅުން ފާހަގަކުރެއްވޭ ކަމަށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ކެއުޅުންގެ ފަރާތުން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވުމަށެވެ. އަދި ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދެއްވުމަށާއި، މަސްކިރާ ލޮކޭޝަން އިތުރުކޮށްދެއްވައި، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާޢަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަންވެސް ޙައްލުކުރުމަށް މަސްވެރިކަމުގެ ސިނާޢަތުގައި އުޅުއްވާ ބޭފުޅުންނާއި ގާތުން މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު