ENGLISH

05 ޖުލައި 2025

Advertisement

ދައުރު ނިމެން ދޮޅު އަހަރު ނެތް ނަމަ، ބައި އިލެކްޝަން ނުބާއްވަން ޤާނޫނަށް ގެނައި އިސްލާޙު ތަސްދީޤު ކުރައްވައިފި

19 މޭ 2025

|

އަޙުމަދު ޙަމީދު

ރައީސް ބިލް ތަސްދީޤު ކުރައްވަނީ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.

މި އިސްލާޙު ގެނައީ ލޯކަލް ކައުންސިލްތަކުގެ ޢުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ޙާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް، ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަންޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުންނެވެ.

މި ބިލްގައިވާ ގޮތުން ކައުންސިލެއްގެ ރައީސްގެ މަޤާމު ހުސްވިއިރު އެ ކައުންސިލްގެ ޢުމުރުގެ ބާކީ އޮތީ، 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް އެ ކައުންސިލްގައި މެންބަރުން ނެތް ޙާލަތެއްގައި މެނުވީ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބު ކޮށްގެން ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއެއްގެ މެންބަރެއްގެ މެންބަރު ކަމުގެ މަޤާމު ހުސްވިއިރު އެ ކޮމިޓީގެ ޢުމުރުގެ ބާކީ އޮތީ 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް އެ ކޮމިޓީގައި މެންބަރުން ނެތް ޙާލަތުގައި މެނުވީ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބު ކޮށްގެން ނުވާނެ ކަމަސް ވަނީ ބުނެފަ އެވެ.

މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގައި ފާސް ކުރެއްވި ބިލެކެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢު ކުރައްވާފައެވެ. އަދި މި އިސްލާޙަށް މިހާރު ވަނީ ޢަމަލު ކުރަން ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު