ENGLISH
05 ޖުލައި 2025
މުޅި ރާއްޖެ ޝާމިލްވާގޮތަށް އިޞްލާޙުކުރި ކުޅިވަރުގެ ޤާނޫނު ރައީސް ތަޞްދީޤު ކުރައްވައިފި
19 މޭ 2025
|
ދިިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ކުޅިވަރުގައި މުޅި ރާއްޖެ ޝާމިލްވާގޮތަށް އިޞްލާޙުކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
ކުޅިވަރު ޤާނޫނުގެ އިޞްލާޙު ރައީސް ތަޞްދީޤުކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއާއި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމްގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ބައިވެރިވެވަޑައިގަތެވެ. އަދި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ބޭފުޅުންނާއި ކުޅިވަރުގެ ދާއިރާގައި ކާމިޔާބީތައް ހޯދާފައިވާ ކުރީގެ ލެޖެންޑުންގެ އިތުރުން މިހާރުގެ ތަރިން ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
ކުޅިވަރު ޤާނޫނަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ކުޅިވަރުތަކުގައި ސަރަޙައްދީ އެސޯސިއޭޝަންތައް އުފައްދައި އަތޮޅުތަކުގެ ޓީމުތަކުގެ ބައިވެރިވުން ހިމަނައި ކުޅިވަރު ލާމަރުކަޒު ކުރުމެވެ. އަދި، ކުޅިވަރު ފަންޑެއް ޤާއިމުކޮށް، ކުޅިވަރުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ގޮތަށް ޤާނޫނުގައި ވަނީ ހިމަނައިފައެވެ.
އިޞްލާހާއެކު ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ އިދާރާއަކަށް ވަނީ ބަދަލުކޮށްފައެވެ. ކުޅިވަރު ކުޅުންތެރިންނަށް ހަމަހަމަ އުޞޫލެއްގެ ތެރެއިން ޖިންސުގެ ތަފާތުކުރުމެއް ނެތި ބައިވެރިވުމުގެ ފުރުޞަތު ވެސް ޤާނޫނުން ވަނީ ފަހިކޮށްދީފައެވެ.
އާ އިޞްލާޙުގައި ކުޅިވަރުގެ ޤައުމީ މަޖިލީހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާ މެމްބަރަކު ހިމެނޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. އަދި، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" ވަކި އިދާރާއެއްގެ ގޮތުގައި ހިންގަން ފެށުމަކީވެސް ކުޅިވަރު ޤާނޫނުގެ އިޞްލާޙުގައި ހިމަނާފައިވާ މުހިއްމު ބަދަލެކެވެ.
ކުޅިވަރުގައި ބޭއިންސާފުން ދިމާވާ ކަންކަމަށް ހައްލު ހޯދުމަށް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ކުޅިވަރު އާބިޓްރޭޝަން ޤާއިމްކޮށް ޢަމަލުކުރުމުގެ ބާރު ކުޅިވަރު ޤާނޫނުން ވަނީ ލިބިދީފައެވެ. އަދި، ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކްލަބްތަކާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމުގައި ހުރި ޤާނޫނީ ފުށޫއެރުންތައް ޙައްލުކުރުމުގެ ގޮތުން އެ އިދާރާތަކުގެ މަސްޢޫލިއްޔަތުތައް ކުޅިވަރު ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
ޤާނޫނުގައި ވަނީ ސްކޫލް ސްޕޯޓްސް ރޭވިގެން ކުރިއަށް ގެންދާނެ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން "އިންޓަރ ސްކޮލަރސްޓިކް" ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބްތައް ޤާނޫނުގެ ދަށުން އުފައްދައި ހަރަކާތްތެރިވެވޭނެ ގޮތް ހަމަޖައްސައިފައެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ފާސްކުރީ 2025 މެއި 5 ވަނަ ދުވަހެވެ. އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ.