ENGLISH
01 ޖޫން 2025
އިޒްރޭލްގެ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި
18 މޭ 2025
|
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރުން —- ފޮޓޯ: އަލްޖަޒީރާ
ޣައްޒާގައި އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފި އެވެ.
ދިވެހި ޚާރިޖިއްޔާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލްގެ ހަމަލާތަކުގައި މިއަދު އެކަނިވެސް ކުށެއްނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައި ކަމަށެވެ.
މި ހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި އަދި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ސީދާ ޚިލާފު ޢަމަލުތަކެއް ކަން ވަނީ ފާހަގަކޮށްފަ އެވެ.
އިސްރާއީލުން ޕަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އަދި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް ބުނެފައިވެ އެވެ.
އިޒްރޭލުގެ ހަމަލާތައް ވަރުގަދަކުރުން ކުށްވެރިކުރައްވާ މައުނަވީ އަވަސް ފިޔަވަޅުތަކެއް އަޅާ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަައް ވަގުތުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް މިރޭ ވަނީ ގޮވާލައްވައިފަ އެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަސްކަރިއްޔާ އިން ގެންދަނީ ފަލަސްތީނުގެ ހަޤީޤީ ވަޒަންވެރީންނާއި ދެކޮޅަށް އިންސާނިއްޔަތާއި ޚިލާފު ވަރުގަދަ ޖަރީމާތަކެއް ހިންގަމުންނެވެ.
އިޒްރޭލްގެ ހަމަލާތައް މީގެ ދެތީން ދުވަސް ކުރީން ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ. އެއީ ފަލަސްތީނުގެ ހައްޤުގައި ވަރުގަދަ ޖިހާދެއް ކުރަމުންދާ ހަމާސް އެކީ ނައްތާލުމުގެ ފަހުގެ އޮޕަރޭޝަން ކަމަށް ބުނެ ދޭން ފެށި ހަމަލާތަކެކެވެ.