ENGLISH
01 ޖޫން 2025
މައުނަވީ އަވަސް ފިޔަވަޅުތަކެއް އަޅާ އިޒްރޭލްގެ ޖަރީމާތައް ހުއްޓުވުމަށް ރައީސް ގޮވާލައްވައިފި
18 މޭ 2025
|
ރައީސް ޔޫއެންގައި ތަޤުރީރު ކުރައްވަނީ -- ފައިލް ފޮޓޯ
އިޒްރޭލުގެ ހަމަލާތައް ވަރުގަދަކުރުން ކުށްވެރިކުރައްވާ މައުނަވީ އަވަސް ފިޔަވަޅުތަކެއް އަޅާ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަައް ވަގުތުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަސްކަރިއްޔާ އިން ގެންދަނީ ފަލަސްތީނުގެ ހަޤީޤީ ވަޒަންވެރީންނާއި ދެކޮޅަށް އިންސާނިއްޔަތާއި ޚިލާފު ވަރުގަދަ ޖަރީމާތަކެއް ހިންގަމުންނެވެ.
އިޒްރޭލްގެ ހަމަލާތައް މީގެ ދެތީން ދުވަސް ކުރީން ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ. އެއީ ފަލަސްތީނުގެ ހައްޤުގައި ވަރުގަދަ ޖިހާދެއް ކުރަމުންދާ ހަމާސް އެކީ ނައްތާލުމުގެ ފަހުގެ އޮޕަރޭޝަން ކަމަށް ބުނެ ދޭން ފެށި ހަމަލާތަކެކެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވީ ޣައްޒާގައި ތިބި ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ހިންގަމުންދާ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާ ރައީސް މުޢިއްޒު ވަނީ ބަހަނާތަކެއް ދެއްކުމަށް ފަހު އިޒްރޭލްގެ ހަމަލާތައް ވަރުގަދަ ކުރުން ކުށްވެރި ކުރައްވާފަ އެވެ.
ރައީސް ވަނީ އަނިޔާވެރިކަން އިތުރުކޮށް އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖޭން ގޮވާލާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އަދި ކުށެއް ނެތް އާންމުންގެ ފުރާނަ ސަލާމަތް ކުރުމަށް މާނަވީ ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ރައީސްގެ ޕޯސްޓްގައި އިޒްރޭލްގެ އަމަލުތަކަށް އެ ޤައުމު ޒިންމާދާރު ކުރުވުމަށާއި އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލުން ވަނީ ތަކުރާރު ކުރައްވާފަ އެވެ.
ފަލަސްތީނާއި ދެކޮޅަށް އެ ޤައުމަށް ވެރިވެގެން ތިބި އިޒްރޭލުން އުދުވާން ހިންގާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެ އުދުވާން އިތުރުކުރީ އޮކްޓޫބަރު 7، 2023 ގަ އެވެ.
އޭގެ ފަހުން 53،000 ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ. އިޒްރޭލްގެ ހަމަލާތަކުގައި 100،000 ވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފަ އެވެ.
ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާ ދިނުމުގެ އިތުރުން ފެނާއިކާނެ އެއްޗެހި ވެއްދުން މަނާކޮށް ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖެއްސުމުގެ ޖަރީމާ ވެސް އިޒްރޭލުން ދަނީ ހިންގަމުންނެވެ.
އަދި ހޮސްޕިޓަލްތަކާއި ސުކޫލުތަކާއި މިސްކިތްތަކާއި ވަގުތީ ކޭމްޕްތަކަށް ހަމަލާ ދީ އެތައް ތަނެއް ވަނީ ސުންނާފަތި ކޮށްފަ އެވެ.