ENGLISH
01 ޖޫން 2025
ކުރީގެ ސީއީއޯ ޕެޓަރސަން އިސްތިއުފާ ހުށަހެޅުއްވި ތާރީޚާ ހަމައަށް މުސާރަ ވާނީ ދީފައި: ޑީބީއެމް
18 މޭ 2025
|
ނޯއެލް ގްރެގަރ ޕެޓަރސަން ޖޯންސް - ފޮޓޯ: އެޓޯލް ޓައިމްސް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ނޯއެލް ގްރެގަރ ޕެޓަރސަން ޖޯންސް އިސްތިއުފާ ހުށަހެޅުއްވި ތާރީޚާ ހަމައަށް އޭނާއަށް ހައްގު މުސާރަ ދީފައިވާކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެ ބޭންކުން މިކަން ފާހަގަކޮށްފައި ވަނީ ޕެޓަރސަން ޖޯންސް އިސްތިއުފާ ހުށަހެޅުއްވީ ޑީބީއެމް އިން މުސާރަ އަދާނުކުރުމުގެ ސަބަބުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ހަޤީޤަތް ސާފުކޮށްދިނުމަށް ނެރުނު ނޫސް ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނީ އޭނާ އިސްތިއުފާ ދެއްވީ އެ ބޭންކުން މުސާރަ އަދާނުކޮށްގެން ކަމުގައި ނުދެކޭ ކަމަށެވެ. އެގޮތުން ޕެޓަރސަން ޖޯންސް މިދިޔަަ މާޗު 20 ވަނަ ދުވަހު ޕީސީބީ އަށް ހުށަހެޅުއްވި އިސްތިއުފާ އެ ބޯޑުން އެ ތާރީޚުން ބަލައިގަނެފައިވާ ކަމަށާ އެކަން ޑީބީއެމްގެ ބޯޑާއި ޕެޓަރސަން ޖޯންސް އަށް ހަމަ އެ މަހުގެ 23 ވަނަ ދުވަހު އަންގާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ ޕެޓަރސަން ޖޯންސް އޭނާގެ މަގާމުން އިސްތިއުފާދެއްވުމުގެ ދުވަސްކޮޅެއް ކުރިން ދިވެހިރާއްޖެ ދޫކޮށް ވަޑައިގެންފައިވާއިރު އިސްތިއުފާ ހުށަހެޅުއްވުމަށްފަހު އެ ބޭންކުގެ ވަޒީފާގައި އެއްވެސް ދައުރެއް އަދާކޮށްފައިނުވާ ކަމަށެވެ.
ޑީބީއެމް އިން ބުނީ އޭނާ އިސްތިއުފާ ހުށަހެޅުއްވި ނޯޓިސްގެ މުއްދަތުގެ މުސާރައާ ބެހޭގޮތުން އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުއްވި މައްސަލައިގެ މައުލޫމާތު ވެސް ބޭންކަށް ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން ދަނީ ޑީބީއެމްގެ ގާނޫނީ ވަކީލުންގެ ޓީމަކުންކަން ފާހަގަކޮށް ބަޔާނުގައި ބުނީ މި މައްސަލަ ފައިސާކުރުމުގައި އެ ބޭންކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ގާނޫނީ އިޖުރާއަތްތަކަށް އަމަލުކުރާނެ ކަމަށެވެ.