ENGLISH
01 ޖޫން 2025
ފުރަތަމަ ފަހަރަށް މުޅި ރިސޯޓެއް ތަރައްގީކުރުމަށް ބީއެމްއެލް އިން އިސްލާމިކް ފައިނޭންސިންގ ހަމަޖައްސައިފި
18 މޭ 2025
|
ބީއެމްއެލް އިސްލާމިކް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް މުޅި ރިސޯޓެއް ތަރައްޤީކުރުމަށް އިސްލާމިކް ފައިނޭންސިންގް ހަމަޖެއްސުން - ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިސްލާމިކް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީކުރުމަށް ޝަރީއާ ކޮމްޕްލަޔަންސް އިސްލާމިކް ފައިނޭންސިންގް ހަމަޖައްސައިފިއެވެ.
މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ. 118 ކޮޓަރީގެ މި ފައިވް ސްޓަރ ރިސޯޓަކީ ރާއްޖޭގެ މަތީ ފަންތީގެ ކުންފުންޏެއް ކަމަށްވާ އެލިއާ ގްރޫޕާއި، މިހާރުވެސް ރާއްޖޭގައި ނުވަ ރިސޯޓް ހިންގަމުންދާ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޖޮއިންޓް ވެންޗަރ، ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑްއިން ތަރައްގީކުރާ ރިސޯޓެކެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ.
"މިއީ ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސްކުރެވޭ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓް އެކަންޏެއް ނޫން. މިއީ ރާއްޖޭގައި ޝަރީޢާ ހަމަތަކާ އެއްގޮތަށް މުޅިން ފައިނޭންސްކުރެވޭ ފުރަތަމަ އިސްލާމިކް ރިސޯޓް ފައިނޭންސިންގް ވެސްމެ. އަދި މިއީ ކޯޕަރޭޓް ސެކްޓަރގައި އިސްލާމިކް ފައިނޭންސިންގ އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް،" - ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް
ބީއެމްއެލް އިން ބުނީ މި ފެސިލިޓީއާއެކު ރާއްޖޭގެ މާލީ ދާއިރާގައި ބޭންކް އޮފް މޯލްޑިވްސްއިން އަދާކުރަމުންދާ ދައުރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ޒިންމާދާރު ބޭންކިންގެ އަސާސްތައް ދެމެހެއްޓުމާއެކު އީޖާދީ ބޭންކިންގ ޚިދުމަތެއް ފޯރުރުކޮށްދިނުމަށް ބޭންކުންދޭ އަހުމިއްޔަތުކަން ހާމަވެގެންދާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.