ENGLISH
01 ޖޫން 2025
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް ސްކީމް: 13 މަޝްރޫޢުއެއް ހިންގަން ރާއްޖެ-އިންޑިއާ އެއްބަސްވެއްޖެ
18 މޭ 2025
|
މިއަދު ސޮއިކުރެވުނު އެއްބަސްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްެންޓް"ގެ ތިންވަނަ ފިޔަވަހީ ގެ ދަށުން 13 މަޝްރޫއެއް ދިވެހިރާއްޖޭގައި ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު 13 ފަހުމްނާމާ ގައި މިއަދު ސޮއި ކޮށްފި އެވެ.
މި ރަސްމިއްޔާތު ބޭއްވުނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގަ އެވެ.
މިއަދު ސޮއިކުރި ފަހުމްނާމާތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޖުމްލަ އަދަދަކީ 100 މިލިއަން ދިވެހި ރުފިޔާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި މަޝްރޫއުތަކަކީ ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް އެއްކޮށް މުޅި ރާއްޖެ ގުޅުވައި ނިންމަން އެހީއަކަށް ވެގެންދާނެ މުހިންމު މަޝްރޫއުތަކެއް ކަމަށް ވެސް ބުންޏެވެ.
މި ފަހުމްނާމާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލު އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ.
މި މަޝްރޫއުތަކުގެ ތަންފީޒީ ފަރާތެއްގެ ގޮތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ ޚަލީލް ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ މިފަދަ އެހީތަކަކީ، އަބަދުވެސް ފާހަގަކޮށްލެވޭ، ދިވެހި މުޖުތަމައުއަށް ފައިދާކުރަނިވި ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް އަމާޒުކުރެވި، ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ރަމްޒްކޮށްދޭ މިސާލެއް ކަމުގައި ވިދާޅުވެފަ އެވެ.
މިއަދު މި ސޮއިކުރެވުނު މަޝްރޫއުތަކަކީ މުޖުތަމަޢުގެ އުމްރާނީ ތަރައްްޤީ އަށާއި ބޭނުންތަކަށް ހައްލެއް ހޯދައިދީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ދިގު މުއްދަތަކަށް ފައިދާލިބޭ ގޮތަށް އަމާޒުކުރެވިގެން ކަނޑައަޅާފައިވާ މަޝްރޫޢުތަކެއް ކަމުގައި މިނިސްޓަރ ޑރ. ޚަލީލް ވިދާޅުވި އެވެ.
މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ރޫޙު ދައްކުވައިދޭ، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، މިނިސްޓަރ އަމީން އާއި ހައިކޮމިޝަނަރ ވެސް ވާހަކަފުޅު ދައްކާފައި ވެއެވެ. މި ގޮތުން މި މަޝްރޫޢާ ބެހޭގޮތުން މިނިސްޓަރ އަމީން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށެއް ގުޅާލާ، ހަލުވި ސްޕީޑް ފެރީގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްދާވާކަން ފާހަގަކުރެއްވި އެވެ.
އަދި އިންޑިޔާއާއެކު މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން މި ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.
އަދި މިނިސްޓަރ ވިދާޅުވި ގޮތުގައި ކުރިން މުޅި މަޝްރޫޢު 2027 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް، މިއަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުތައް ނިންމާލެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް" ސްކީމްގެ ތިންވަނަ ފިޔަވަހި އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ.