ENGLISH

01 ޖޫން 2025

Advertisement

ސޫރިޔާގެ އަސްކަރިއްޔާއާ ގުޅެން ހަނގުރަމާވެރި ޖަމާޢަތްތަކަށް ފަހު ފުރުޞަތު ދީފި

18 މޭ 2025

|

ހަސަން އާމިރު

ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތައް ރޫޅާލައި، ހަނގުރާމަވެރިން ދިފާއީ ވުޒާރާގެ ދަށަށް ބަދަލުވާން 10 ދުވަހުގެ މުޙުލަތެއް ދީފިއެވެ.

ސޫރިޔާގެ ސަރުކާރާ މިހާރު ޙަވާލުވެ ތިބި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ދިފާއީ ވަޒީރު މުރްޙަފް އަބޫ ޤަޞްރާ ވިދާޅުވީ، ސަރުކާރުގެ އެދުމުގެ މަތިން، ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގިނަ ޖަމާޢަތްތައް މިހާރު ދިފާއީ ވުޒާރާގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އަދި ބާކީ ތިބި ކުދި ޖަމާޢަތްތަކުން ވެސް އެ ވުޒާރާއާ ގުޅެން އެދިވަޑައިގެން، އެކަމަށް 10 ދުވަހުގެ މުޙުލަތެއް ދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެ ވުޒާރާއާ ނުގުޅި ތިބި ޖަމާޢަތްތަކުގެ ތަފްޞީލެއް އޭނާ ނުދެއްވައެވެ. އަދި އެ ވުޒާރާއާ ގުޅެން ދެކޮޅު ހަދާ ޖަމާޢަތްތަކާމެދު އަޅާނެ ފިޔަވަޅެއް ވެސް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

ސޫރިޔާގެ ރައީސް ބައްޝާރު އަލް އަސަދުގެ ވެރިކަން ވައްޓައިލުމަށް އެޗްޓީއެސްއިން ސޫރިޔާގެ އަސްކަރިއްޔާ އާ ދެކޮޅަށް ކުރި ހަނގުރާމައިގައި ތުރުކީ އިން ވާގިދޭ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ.

ހަނގުރާމަވެރި ޖަމާޢަތްތައް ރޫޅައިލުމުގެ އިތުރަށް، ސޫރިޔާގެ އެކި ސަރަޙައްދުތަކާއި ހަނގުރާމަވެރިންގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް، އާ ސަރުކާރުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެޗްޓީއެސްގެ ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު