ENGLISH
02 ޖޫން 2025
ދިވެހިރާއްޖޭގެ ސަރަހައްދު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނުދޭނަން: ރައީސް
31 މޭ 2025
|
އިންޑިއާ ކަނޑުގެ ސަރަހައްދީ ސުލްޙައާއި ހަމަޖެހުން ނަގާލުމަށް ދިވެހިރާއްޖޭގެ ސަރަޙައްދު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ޤައުމަކަށް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އަވަށްޓެރި ސްރީ ލަންކާގެ ނޫހެއް ކަމަށްވާ "ސިލޯން ޓުޑޭ" އަށް ދެއްވި އިންޓަވިއުއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސްރީ ލަންކާގެ ސަރަޙައްދަށް ވެއްދުމަށް އެޤައުމުން ދެކޮޅު ހެދި ޗައިނާގެ ދިރާސީ އުޅަނދަށް ރާއްޖެއިން މަރުޙަބާ ކިޔާފައިވަނީ ކޮން މެސެޖެއް ދެއްވަންތޯ އާއި މިސަރަހައްދަށް ވަނުމަށް އަންނަ ދުނިޔޭގެ ބާރުތަކަށް ދިވެހިރާއްޖެ ހުޅުވާލެވިފައިވޭތޯ ކުރި ސުވާލަށް ދެއްވި ޖަވާބު މި ބީދައިން ނިންމަވާލެއްވިއިރު، އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަކީ ވަކި ފަރާތަކަށް ނުޖެހުމުގެ ޚާރިޖީ ސިޔާސަތެއް އަބަދުވެސް ގެންގުޅެމުން އަންނަ ޤައުމެއް ކަމަށާއި، މީގެ ކުރިން ވެސް އެހެން ޤައުމުތަކުގެ އަސްކަރީ އުޅަނދުފަހަރު ވެސް ރާއްޖޭގެ ސަރަހައްދަށް ވަނުމަށް ހުޅުވައިލައްވާފައިވާނެ ކަމަށެވެ. އަދި މިކަމުން ހާމަކޮށްދެނީ ދިވެހީންގެ މެހެމާންދާރީއާއި އެކުވެރިކަން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ޗައިނާއަށް ފަހި ނުވަތަ "ޕްރޯ-ޗައިނާ" ސިޔާސަތެއްތޯ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ޗައިނާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އެކުވެރި ދައުލަތެއް ކަމަށެވެ. ނަމަވެސް، ދިވެހި ޚާރިޖީ ސިޔާސަތު ބޭރުގެ ވަކި އެއްވެސް ޤައުމަކަށް ފަހި ނުވާނެ ކަމަށާއި އެސިޔާސަތުގެ އަމާޒަކީ ދިވެހީންގެ މިނިވަންކަމާއި، ތަރައްޤީއާއި، ސުލްޙަވެރި ގުޅުންތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ޚާރިޖީ ސިޔާސަތު އެކި ފަހަރު މަތިން ބަދަލުވަމުން އަންނަ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޖިއޯޕޮލިޓިކްސް އަވަސް އަވަހަށް ބަދަލުވަމުންދާ މިދުވަސްވަރު ދިވެހީންނަށް ފައިދާ ހުރި ގޮތްގޮތަށް ދިވެހި ޚާރިޖީ ސިޔާސަތު ބަދަލުވުމަކީ ހަރުދަނާ ވެރިކަމެއްގެ ސިފައެއް ކަމަށެވެ. އަދި އިންޑިއާ ވިޔަސް ޗައިނާ ވިޔަސް އަދި އެމެރިކާ ވިޔަސް ދިވެހިރާއްޖެ އޮތީ އެކުގައި ސަރަހައްދީ ހަމަޖެހުމަށް މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ "އީއީޒެޑް" ގައި ޗައިނާއާ ގުޅިގެން ކުރާ މަސައްކަތްތަކަކީ ތިމާވެށީގެ ދާއިރާއިން ތަހުލީލުތަކާއި ދިރާސާތައް ކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށާއި، ދިވެހި އިޤްތިޞާދީ ހާލަތު މިހާރު ރަނގަޅުވަމުން އަންނަނީ މިސަރުކާރުން ނެގި އުދަނގޫ ނަމަވެސް ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވެސް އިންޓަވިއުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.