ENGLISH
02 ޖޫން 2025
ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ޓީމަކީ، ރެއާލް މެޑްރިޑް
31 މޭ 2025
|
މީގެކުރީން ރެއާލް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް
އެހެން އަހަރުތަކެކޭ އެއްފަދައިން މިހާރު ވެސް ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ޓީމަކީ ސްޕެއިނުގެ ރެއާލް މެޑްރިޑް ކަމަށް ވިޔަފާރި މަޖައްލާ، ފޯބްސް އިން ބުނެފިއެވެ.
ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ދުނިޔޭގެ އެންމެ އަގުހުރި ފުޓްބޯޅަ ޓީމުގެ ގޮތުގައި ރެއާލްގެ ވެލިއު އުޅެނީ ގާތްގަނޑަކަށް 6.75 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. ރެއާލުން އެއްވަނަ މަގާމަށް އެރުމުގައި 24/2023 ވަނަ އަހަރުގެ ސީޒަނުގައި 1.13 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދުން މުހިއްމު ދައުރެއް އަދާކުރިއެވެ.
އެ ފަހަރުގެ ސީޒަނުގައި ރެއާލުން ވަނީ އަހަރެއްގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފުޓްބޯޅަ ކުލަބުގެ ޝަރަފުވެސް ހޯދާފައެވެ. މީގެއިތުރުން، ރެއާލަކީ ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ސްޕޯޓްސް ޓީމުވެސް މެއެވެ.
ފޯބްސް އިން ނެރުނު އެންމެ އަގުހުރި ފުޓްބޯޅަ ޓީމުތަކުގެ ލިސްޓުގެ ދެވަނައިގައި އުޅެނީ އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑެވެ. ޔުނައިޓެޑަށް މި ލިސްޓުގެ ދެވަނަ ލިބެނީ 24/2023 ވަނަ އަހަރުގެ ސީޒަނުގައި ހޯދި 834 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއާއެކު އެ ކުލަބުގެ ވެލިއު 6.6 ބިލިއަން އެމެރިކާ ޑޮލަރަށް އެރުމުންނެވެ.
މި ފަހަރުގެ އަގުހުރި ފުޓްބޯޅަ ޓީމުތަކުގެ ލިސްޓުން ތިންވަނަ ލިބުނީ ބާސެލޯނާ އަށެވެ. އެ ޓީމުގެ އަގެއްގެ ގޮތުގައި 5.65 ބިލިއަން އެމެރިކާ ޑޮލަރު އޮތްއިރު، ގަދަ ފަހެއްގައި ހިމެނިފައިވަނީ ލިވަޕޫލާއި މެންޗެސްޓަރ ސިޓީ އެވެ.
ފޯބްސް އިން ކޮންމެ އަހަރަކު އާއްމުކުރަމުން އަންނަ ދުނިޔޭގެ އެންމެ އަގުހުރި ފުޓްބޯޅަ ޓީމުތަކުގެ ލިސްޓުގެ ގަދަ 10 ގައި ޕްރިމިއަރ ލީގަށް ނިސްބަތްވާ ހަ ކްލަބެއް ހިމެނިފައިވެއެވެ.
މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ 30 ޓީމުގެ މުޅި ވެލިއު ގާތްގަނޑަކަށް 72 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައިވާ ކަމަށާއި، މި ކުލަބުތަކުގެ އެވްރެޖް އުޅެނީ 2.4 ބިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް ވެސް ފޯބްސް އިން ވަނީ ހާމަކޮށްފައެވެ. އަދި މިއީ، އޭގެކުރީ އަހަރާ އަޅާބަލާއިރު ފަސް އިންސައްތައިގެ އިތުރުވުމެއް ކަމަށް ވެސް ފޯބްސް އިން ވަނީ ބުނެފައެވެ.
ފޯބްސްގެ އެންމެ އަގުހުރި ފުޓްބޯޅަ ކުލަބުތަކުގެ ގަދަ 10:
1. ރެއާލް މެޑްރިޑް (ސްޕެއިން) – 6.75 ބިލިއަން އެމެރިކާ ޑޮލަރު
2. މެންޗެސްޓަރ ޔުނައިޓެޑް (އިންގްލެންޑް) – 6.6 ބިލިއަން އެމެރިކާ ޑޮލަރު
3. ބާސެލޯނާ (ސްޕެއިން) – 5.65 ބިލިއަން އެމެރިކާ ޑޮލަރު
4. ލިވަޕޫލް (އިންގްލެންޑް) – 5.4 ބިލިއަން އެމެރިކާ ޑޮލަރު
5. މެންޗެސްޓަރ ސިޓީ (އިންގްލެންޑް) – 5.3 ބިލިއަން އެމެރިކާ ޑޮލަރު
6. ބަޔާން މިއުނިކް (ޖަރުމަން) – 5.1 ބިލިއަން އެމެރިކާ ޑޮލަރު
7. ޕީއެސްޖީ (ފްރާންސް) – 4.6 ބިލިއަން އެމެރިކާ ޑޮލަރު
8. އާސެނަލް (އިންގްލެންޑް) – 3.4 ބިލިއަން އެމެރިކާ ޑޮލަރު
9. ޓޮޓްނަމް ހޮޓްސްޕަރ (އިންގްލެންޑް) – 3.3 ބިލިއަން އެމެރިކާ ޑޮލަރު
10. ޗެލްސީ (އިންގްލެންޑް) – 3.25 ބިލިއަން އެމެރިކާ ޑޮލަރު