ENGLISH

02 ޖޫން 2025

Advertisement

ބޭނުމީ އިސްތަންބޫލުގެ ފައިނަލުން ބަލިވުމުގެ ހަނދާން ފޮހެލާން: އިންޒާގީ

31 މޭ 2025

|

މުޙައްމަދު އަދުހަމް

އިންޓަރގެ ކޯޗު، އިންޒާގީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު އިންޓަރ މިލާން ބޭނުންވަނީ، މީގެ ދެ އަހަރު ކުރީން ތުރުކީގެ އިސްތަންބޫލުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު ފައިނަލުން ބަލިވި ބަލިވުމުގެ ހަނދާންތައް ފޮހެލައި، ބަދަލުހިފަން ކަމަށް ކޯޗު، ސިމޯނީ އިންޒާގީ ބުނެފިއެވެ.

އިންޒާގީ މިހެން ބުނީ، ޕީއެސްޖީއާ ދެކޮޅަށް ކުޅެން އޮތް ފައިނަލް މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"ސާބިތުކަމާއެކު ކަންކަން ނިންމާލަމުންދާތަން ދެކެފީމު. އޮބްސެޝަނަކަށް ބަދަލުވެ، އެގޮތުގައި ނިންމާލަން ބޭނުމެއް ނޫން." އިންޒާގީ ބުންޏެވެ.

އިންޒާގީ ބުނީ، މެޗާ ކުރިމަތިލާންޖެހޭނީ މީގެކުރީންވެސް އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ގޮތަށް ރަނގަޅަށް ސަމާލުކަންދީގެން މެޗު ނިންމާލުމުގެ ރޫހުގައި ކަމަށެވެ.

މިވަގުތު އިންޓަރގެ އޮތް ސްކޮޑަކީ، އޭނާގެ ޓެކްޓިކްސްތައް ދަނޑުމަތީގައި ތަންފީޒުކުރުމަށް އެކަށީގެންވާ ވަރަށް ތަޖުރިބާލިބިފައިވާ ކާމިޔާބު ސްކޮޑެއްގެ ގޮތުގައި އިންޒާގީ ވަނީ ސިފަކޮށްފައެވެ.

އެގޮތުން، ބޮޑު ވާދަވެރިކަމަކަށްފަހު ނަޕޯލީގެ މައްޗަށް ލީގު ޓްރޮފީ ހޯދުމުގައި ކާމިޔާބުނުހޯދުނު ނަމަވެސް، އެ ހިތާމަތަކުން އަރައިގަނެގެން ކުރިއަށްދިއުމަށް އަޒުމުގައި ތިބުމަށް އިންޒާގީ ވަނީ ގޮވާލައިފައެވެ.

އޭނާގެ ޓީމަށް ވަކިވަކި މެޗުތަކަށް ތައްޔާރުވާންވީ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އިންޓަރ ޓީމުގައި ވޯލްޑް ޗެމްޕިއަނުންނާއި ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަށް ނިސްބަތްވާ ކުޅުންތެރިން އެބަތިބި ކަމަށް ވެސް އިންޒާގީ ބުންޏެވެ.

މީގެކުރީން، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވުމާއެކު އެ ކަމުގެ ތަޖުރިބާ ލިބިފައި އޮތުމަކީ ވަރަށް މުހިއްމު ކަމަކަށްވީހިނދު، މި މުބާރާތުގެ ފައިނަލަކީވެސް ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް ފަދަ މުހިއްމު މެޗެއް ކަމަށް ވެސް އިންޒާގީ ވަނީ ބުނެފައެވެ.

އިންޒާގީ ބުނީ އޭނާގެ ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިން ފިޓްކޮށް ތިބުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ. އެއީ، ކޯޗެއްގެ ގޮތުގައި ވަރަށް ބޮޑު އިތުބާރެއް ލިބޭ ކަމެއްގެ ގޮތުގައި ވެސް އިންޒާގީ ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު