ENGLISH
26 ޖުލައި 2026
ކޮމަންވެލްތު ގޭމްސް: ރާއްޖޭގެ ފެތުންތެރިންނަށް އިތުރު ދެ ޤައުމީ ރިކޯޑެއް
25 ޖުލައި 2026
|
ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ތިން ފެތުންތެރިން ކަމަށްވާ ތަޒްކިޔާ، އާން އަދި މިރާލް --- ފޮޓޯ: އެމްއޯސީ
އެންމެ މަޤްބޫލު
ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގެ ދެވަނަ ދުވަހު ކުރިއަށްދިޔަ އިވެންޓުތަކުގައި ރާއްޖޭގެ ގައުމީ ސްވިމިންގ ޓީމުން ދެ ޤައުމީ ރިކޯޑެއް ގާއިމުކޮށްފިއެވެ.
އެއީ އަންހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރި މިރާލް އައިން ލަތީފް އާއި ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރި މިކްސް ރިލޭ ޓީމުންނެވެ.
ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ މިކްސް ރިލޭ ޓީމުގައި މިރާލްގެ އިތުރުން ހިމެނެނީ މުޙައްމަދު އާން ހުސައިން އާއި، މުޙައްމަދު ރިހާން ޝިހާމް އަދި އަމްނާ ތަޒްކިޔާ މިރުސާދެވެ.
އެ ގޮތުން 200 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރި މިރާލް ވަނީ ހީޓު އެކެެއްގެ ފަސްވަނަ ހޯދާފައެވެ. އެއީ 2 މިނެޓު 25.08 ސިކުންތުން ނިންމައިގެންނެވެ. މިއީ ފާއިތުވި 10 އަހަރު އައު ނުކުރެވި އޮތް ރިކޯޑެކެވެ. އެންމެ ފަހުން މި ރިކޯޑު ހެދީ 2016 ވަނަ އަހަރު ތައިލެންޑުގެ ސްޕީޑޯ އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕުގައި، 2 މިނިޓް 25.32 ސިކުންތުން ރޭސް ނިންމައިގެން، އާމިނަތު ޝަޖަންނެވެ.
މިކްސް ރިލޭ އިވެންޓުގައި ރާއްޖޭގެ ޓީމުގެ ޓައިމިންއަކީ 4 މިނެޓު 0.64 ސިކުންތެވެ. މި އިވެންޓުގައި ރާއްޖެ ދިޔައީ ހަވަނައަށެވެ. އެންމެ ފަހުން މިކްސް ރިލޭގެ މި އިވެންޓުން ރިކޯޑު ހަދާފައިވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައެވެ. އާން، ތަކްޒިޔާ، މިރާލް އަދި ރިހާން ހިމެނުނު ރިލޭ ޓީމުން އެ ފަހަރު ރިކޯޑު ހެދި ޓައިމިންއަކީ 4 މިނެޓު 4.21 ސިކުންތުންނެވެ.
ސްވިމިންގައި މިއަދު ރާއްޖޭގެ އާން ވަނީ ފިރިހެނުންގެ 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގައި ވާދަކޮށްފައެވެ. ޖުމްލަ 8 އެތުލީޓުން ހިމެނުނު މި ހީޓުގައި އާން ދިޔައީ ފަސްވަނައަށެވެ. އޭނާގެ ޓައިމިންއަކީ 24.59 ސިކުންތެވެ.
ކޮމަންވެލްތު ގޭމްސްގެ ދެވަނަ ދުވަހު ރާއްޖެއިން އިތުރު ދެ ޤައުމީ ރިކޯޑު ހެދިއިރު، ފުރަތަމަ ދުވަހުވެސް ވަނީ ދެ ރިކޯޑެއް އައުކޮށްފައެވެ. އެއީ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުން އާން އާއި، 100 މީޓަރު ބްރެސްޓްރޯކް އިވެންޓުން ލޫތު މުޙައްމަދު ހުސައިނެވެ.
އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ އެތުލެޓިކްސް އާއި ސްވިމިންގ އިވެންޓުތަކުގައެވެ. މި ގޭމްސްގައި ވާދަކުރާ ސްވިމިންގ ޓީމުގައި 5 އެތުލީޓުން ހިމެނޭއިރު، އެ އެތުލީޓުންނަކީ އާން، ލޫތު، މިރާލް، ތަޒްކިޔާ އަދި ރިހާނެވެ.
ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމުގައި 8 އެތުލީޓުން ހިމެނޭއިރު، އެ އެތުލީޓުންނަކީ އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ފަސޫހާ އަޙްމަދު، އައިޝަތު ޝަބާ ސަލީމް، އައިމިނަތު ލަޔާނާ މުޙައްމަދު، އާދަމް ރިއްފަތު، ހަސަން ސާއިދު އަދި ހުސެއިން ޒީކް ސުއާދެވެ.
މި ގޭމްސްގައި ރާއްޖޭގެ ފަރާތުން ޗެފް ޑި މިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލެވެ.