ENGLISH
26 ޖުލައި 2026
ނިއުކާސަލުގައި ގިމަރޭޝްގެ މުސްތަގުބަލާ މެދު ޔަގީންކަމެއް ނެތް
25 ޖުލައި 2026
|
ނިއުކާސަލުގެ ކެޕްޓަން ގިމަރޭޝް އާއި އެ ޓީމުގެ ކޯޗު ހޯވް -- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ނިއުކާސަލް ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ގިމަރޭޝް އާއެކު އުއްމީދީ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، އޭނާގެ މުސްތަގުބަލާ މެދު އެއްވެސް ޔަގީންކަމެއް ދެވެން ނެތް ކަމަށް އެ ޓީމުގެ ކޯޗު އެޑީ ހޯވް ބުނެފިއެވެ.
އެންމެ ފަހުގެ މީޑިއާ ޚަބަރުތައް ބުނާގޮތުގައި ބްރެޒިލްގެ މިޑްފީލްޑަރު ގިމަރޭޝް ހޯދުމަށް އެންމެ ފަހުގެ ޗެމްޕިއަން، އާސެނަލުން އިތުރު ބިޑެއް ކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް، ނިއުކާސަލުން އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ.
ނިއުކާސަލް އެންމެ ފަހުން ކުޅުނު މެޗަށްފަހު ދެއްކި ވާހަކައިގައި ހޯވް ވަނީ، ފީފާ ވޯލްޑް ކަޕުގެ ކުރީންނާއި، އެ މުބާރާތް ކުރިއަށްދިޔައިރުވެސް އަދި އޭގެފަހުންވެސް ގިމަރޭޝް އާއެކު ރަނގަޅު މަޝްވަރާތަކެއް ކުރެވިފައިވާކަން ފާހަގަކޮށްފައެވެ.
"އަހަރެމެން ދެއްކި ވާހަކަތަކަކީ ސިއްރު ހިފަހައްޓަންޖެހޭ ވާހަކަތަކެއް. އޭނާއަކީ ހުނަރުވެރި ކުޅުންތެރިއެއްގެ އިތުރުން ވަރަށް ބަރާބަރު މީހެއް. ބްރޫނޯގެ މުސްތަގުބަލަށް ވާނެ ގޮތެއް އަހަންނަކަށް ނޭނގޭ. އެއީ އެހެން މީހުން ލަފާކުރަން ދޫކޮށްލާ ކަމެއް. އެފަދަ މަޝްވަރާތަކުގައި އަހަރެން ބައިވެރިއެއް ނުވަން." ހޯވް ބުންޏެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ނޯވޭ އަތުން ބަލިވެ ބްރެޒިލް ކެޓުމާ ގުޅިގެން، ގިމަރޭޝް މިހާރު ހުރީ އާއިލާއާ އެކު ޗުއްޓީގައެވެ. އޭނާ އަންނަ ހުކުރު ދުވަހު ނިއުކާސަލްއާ ގުޅޭނެ ކަމަށް ބެލެވޭއިރު، ސްޕެއިންގައި ބާއްވާ ތަމްރީނު ކޭމްޕަށް ޓީމާ އެކު އޭނާ ފުރާނެއެވެ.
ނިއުކާސަލް ކުޅުނު މެޗެއްގެ ތެރެއިން ގިމަރޭޝް -- ފޮޓޯ: ގެޓީ
ނިއުކާސަލްގެ ކެޕްޓަން، ގިމަރޭޝްގެ މުސްތަޤުބަލާ ބެހޭގޮތުން މީޑިއާގައި އަޑުފެތުރޭ ވާހަކަތަކަށް ބަލާއިރު، ނިމިދިޔަ ސީޒަނުގައި އެ ޓީމުގެ އެޓޭކުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، އަލެކްސެންޑާ އިސާކްގެ ސޮއި ހޯދުމަށް ލިވަޕޫލުން މަސައްކަތްކުރިއިރު ކަން ހިނގާދިޔަ ގޮތާ އެއްގޮތް ކަމަށް ދަނީ ވާހަކަދެކެވެމުންނެވެ. އެހެންނަމަވެސް، ހޯވް ބުނީ، މިހާތަނަށްއައިއިރު އެ ޓީމުގެ ފަރިތަކުރުންތަކުގައި ގިމަރޭޝް ބައިވެރިނުވާނެކަން ޔަޤީންކަމާއެކު ބުނެވެން ނެތްކަމަށެވެ.
"ބްރޫނޯ [ގިމަރޭޝް] އަކީ މި ޓީމުގެ ކެޕްޓަން. އޭނާ އަކީ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއެއް ކަން މިހާތަނަށް އޭނާ ވަނީ ސާބިތުކޮށްދީފައި،" ހޯވް ބުންޏެވެ.
ހޯވް ބުނީ، މި ހުރިހާ ވާހަކަތަކެއްވެސް އޭނާ ދައްކަނީ ކުލަބުގެ އެންމެންގެ ފަރާތުން ކަމަށާއި، ހުރިހާ އެންމެންވެސް ލޯބިވާ މި ކުޅުންތެރިޔާ އެ ޓީމުގައި މަޑުކުރުމަކީ އެންމެ ބޭނުންވާކަން ކަމަށެވެ.
ނިއުކާސަލުން އާ ސީޒަނަށް ތައްޔާރުވަމުންދާއިރު، ނިމިދިޔަ ސީޒަނަށްފަހު އެ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ކަމަށްވާ، އެންތަނީ ގޯޑަން އާއި ސެންޑްރޯ ޓޮނާލީ ވަނީ އެ ޓީމު ދޫކޮށްލާފައެވެ. މިއާއެކު، ނިއުކާސަލްގެ ކެޕްޓަންކަން ކުރަމުންއަންނަ ގިމަރޭޝް ވިއްކާލުމަކީ އެއްވެސް ހާލެއްގައި އެ ޓީމުން ކުރަން ބޭނުންވާ ކަމެއް ނޫނެވެ.