ENGLISH

02 ޖޫން 2025

Advertisement

ތަޖުރިބާއާއި ގޮންޖެހުންތަކުގެ އަލީގައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ތައްޔާރުވެވިއްޖެ: އެންރީކޭ

31 މޭ 2025

|

މުޙައްމަދު އަދުހަމް

ޕީއެސްޖީގެ ކޯޗު، އެންރީކޭ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ އިންޓަރ މިލާނާ ދެކޮޅަށް ނިކުތުމަށް ހަމަޖެހިފައިވާއިރު ޕީއެސްޖީގައި އޮތް ޒުވާން ޓީމަށް އެ މެޗުން މޮޅުވެ، ކާމިޔާބީއާ ހަމައަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު، ލުއިސް އެންރީކޭ ބުނެފިއެވެ.

ޕީއެސްޖީގެ ކޯޗު، އެންރީކޭ މިހެން ބުނީ މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެންރީކޭގެ ވާހަކައިގައިވަނީ، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޕީއެސްޖީން ބޮޑެތި މެޗުތަކުގެ ތަޖުރިބާ ހޯދާފައިވާ ކަމަށް ފާހަގަކޮށް، އެކަމުގެ ސަބަބުން ޖަރުމަނުގެ މިއުނިކުގައި މިރޭ ކުޅޭ ފައިނަލުގައި ޓްރޮފީ އުފުލާލުމަށް ލިބިގެންދިޔަ ބޮޑު ބާރަކަށްވެގެންދާނެ ކަމަށް ބުނެފައެވެ.

އެންރީކޭ ބުނީ، މި ސީޒަނުގެ ކުރީބައިގައި އޭނާގެ ޓީމަށް ކުރިމަތިވީ ގޮންޖެހުންތަކާއި ދަތިތަކުގެ ސަބަބުން ތަޖުރިބާ ބޮޑު އިންޓަރއާ ކުރިމަތިލާއިރު އިތުރު ފޯރިއެއް ލިބިގެންދާނެ ކަމަށެވެ.

"އަހަރެމެންނަކީ އާއްމުކޮށް ފައިނަލުތަކުގައި ކުޅޭ ޓީމެއް. މިއީ އާދަވެގެން، ކުރީންވެސް އަހަރެމެން ތަޖުރިބާކޮށްފައިވާ ކަންކަން،" އެންރީކޭ ބުންޏެވެ.

މުބާރާތުގެ މިހާ ހިސާބަށްއައިއިރު ޕީއެސްޖީން އެންމެ ވަރުގަދަ ބައެއް ޓީމުތަކާ ދެކޮޅަށް ކުޅެ، ޙަޤީޤީ ފައިނަލްތަކާ އެއްވަރުގެ މެޗުތަކެއް ކުޅެފައިވާ ކަމަށް ވެސް އެންރީކޭ ވަނީ ބުނެފައެވެ.

އެންރީކޭ ބުނީ، ތަޖުރިބާ މާނަކުރުމުގައި ދެ ގޮތެއް އޮންނަ ކަމަށާއި، އޭނާ ގަބޫލުކުރާގޮތުގައި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އެންރީކޭ ވަނީ، އެހެން ޓީމުތަކާ އަޅާބަލާއިރު ޕީއެސްޖީ ވަރުގަދަވާ މައިގަނޑު ސަބަބަކީ، މިހާރު އޮތް ހިސާބަށް އައުމަށް ކުރި ދަތުރުގައި އުނދަގޫތަކާ ކުރިމަތިލާންޖެހުން ކަމަށް ފާހަގަކޮށްފައެވެ. އެ ހުރިހާ ކަންކަމަކުން އަރައިގަނެ، މި ހިސާބަށް އާދެވުމަކީ ވެސް ފަހަރުގައި ފައިދާއަކަށް ވެދާނެ ކަމަށް ވެސް އެންރީކޭ ބުންޏެވެ.

އެންރީކޭގެ ވާހަކަތައް ނިންމާލަމުން ބުނީ، އޭނާގެ މައިގަނޑު މަގްސަދަކީ، ޕީއެސްޖީއާއެކު ތާރީޚު ބަދަލުކޮށްލުން ކަމަށެވެ. އެ ޓީމާއެކު ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލުގައި ބައިވެރިވުމަކީ ވެސް އޭނާ އަށް ލިބޭ ޝަރަފެއްގެ ގޮތުގައި ސިފަކޮށް، ސަޕޯޓަރުންނަށްޓަކައި ހުރިހާ ކަމެއް ހާސިލްކޮށްދޭން ބޭނުންވާ ކަމަށް ވެސް އެންރީކޭ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު