ENGLISH

01 ޖޫން 2025

Advertisement

ޣައްޒާއަށް ދޭ ޙަމަލާތައް ހުއްޓައިލުމަށް ބައެއް އަސީރުން މިނިވަންކުރަން ޙަމާސްގެ އާ ހުށަހެޅުމެއް

18 މޭ 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއްނެތި އިޒްރޭލުން ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވަނިކޮށް، ޙަމަލާތައް އަލުން ހުއްޓައިލުމަށް ޙަމާސް ޖަމާޢަތުގެ ބެލުމުގައި ދަށުގައި ތިބި ބައެއް އަސީރުން މިނިވަންކުރަން އެ ޖަމާޢަތުން ހުށަހަޅައިފިއެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި ޙަމަލާތައް ހުއްޓައިލުމުގެ އާ މަޝްވަރާތަކެއް ފަށާފައިވަނީ، މުޅި ޣައްޒާ ހިޞާރުކޮށް، އެހީ ވެއްދުމުގެ ހުރިހާ މަގުތަކެއް ބަންދުކޮށްގެން، ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތައް އިޒްރޭލުން ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގައި ދިރިއުޅޭ އާބާދީގެ ބޮޑު ބައެއް ހައިހޫނުކަން ތަޙައްމަލް ކުރަމުންދާއިރު، އެތަނުގައި އޮތް ނިކަމެތި އަދި ލާއިންސާނީ ޙާލަތާމެދު މުޅި ދުނިޔެ ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ޣައްޒާގެ ދިފާޢީ ވުޒާރާއިން ބުނީ، އިޒްރޭލުގެ ޙަމަލާތަކުގައި އިއްޔެ އެކަނިވެސް 32 މީހަކު ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. އަދި އެ ޙަމަލާތަކުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެފައި އެތައް ބަޔަކު ތިބި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އިޒްރޭލުން ޣައްޒާއަށް އަރައިގަނެ، އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައިވަނީ، ޙަމާސް ނެތިކޮށްލައި، އަސީރުން މިނިވަންކުރަން ކަމަށް ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު