ENGLISH

18 މޭ 2025

Advertisement

ގުޅިފަޅުގެ ހިއްކާފައިވާ ސަރަޙައްދަށް ގޯތިތައް ބަދަލުކޮށް މިމަސްތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައިދޭން ފަށަނީ

17 މޭ 2025

|

އަޙުމަދު ޙަމީދު

ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް މިހާރު ގެނެސްފައިވާ ބަދަލު

‏ގުޅިފަޅުގެ ހިއްކާފައިވާ ސަރަޙައްދަށް ގޯތިތައް ބަދަލުކޮށް މިމަސްތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދާދޭން ފަށާނެ ކަމަށް ކޮންސްޓަރްކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު މިރޭ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްޠަލިބު ވަނީ އެ ބަދަލު ގެނައި ސަބަބު ތަފްސީލު ކޮށް ދެއްވާ ޕޯސްޓެއް ކުރައްވާފަ އެވެ.

ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިޢުލާން ކުރީ ކުރީ ސަރުކާރުގައި 24 އޮގަސްޓް 2023 ގައެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތެވެ.

އެހެން ކަމުން މި ސަރުކާރުން ވަނީ އެ ޕްލޭން ބަދަލުކޮށް 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް އިޢުލާނު ކޮށްފަ އެވެ.

އެ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުން ވެސް ވަނީ ބާއްވާފައެވެ. ނަމަވެސް 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަޙައްދުން ގޯތި ލިބޭ ގޮތް ވެގެން ގޮސްފައިވެ އެވެ.

24 އޮގަސްޓު 2023 ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީ ދޫކޮށްފައިވާއިރު، 27 އޮކްޓޯބަރު 2024 ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރެޖިސްޓްރީ ވީހާވެސް އަވަހަކަށް ދެއްވުން ކަމުގައިވުމާއެކު، ގުޅީފަޅުން ދޭން ކަޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ގެޒެޓު ކޮށްފައިވާ ކަމަށެވެ.

އަދި މި ގެނެވުނު ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

“މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ޙިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު ވަނީ މަޝްވަރާކުރެވިފައި. މާތްالله ގެ އިރާދަފުޅާއެކު މިމަސްތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދާދޭން ފެށޭނެ،” މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސާވޭ ނިމުނުހާ އަވަހަކަށް ޙަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ޙަވާލު ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ޙަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެކެވެ.

ކިޔުންތެރިންގެ ހިޔާލު