ENGLISH

18 މޭ 2025

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

17 މޭ 2025

|

އުމްނާ އިސްމާޢީލް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ޖޭއެސްސީން ކުރި އިއުލާނުގައި ވަނީ މި މަހުގެ 22 ގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން، އެ ކޮމިޝަންގެ 'ފަހިރެސް ޕޯޓަލް' މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ބުނެފައިވެ އެވެ. ހާޑް ކޮޕީ ހުށަހަޅާނަމަ، ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހުށަހެޅުމަށް އެދިފައިވެ އެވެ.

ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން އިއުލާނުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު މިިދިޔަ ބުދަ ދުވަހު ވަކިކުރުމުން ނެވެ.

ސުޕްރީމް ކޯޓުގެ ބެންޗު އެކުލެވިގެންވަނީ، އުއްތަމަ ފަނޑިޔާރާއި، އިތުރު ހަ ފަނޑިޔާރުންގެ މައްޗަށެވެ.

ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރާ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު