ENGLISH
18 މޭ 2025
ޕޫޓިން އާއި ޒެލެންސްކީގެ ސީދާ މަޝްވަރާތަކަށް ޝަރުތުތަކެއް ރަޝިޔާއިން ކުރިމަތިކުރުވައިފި
17 މޭ 2025
|
ތިން އަހަރު ދުވަހުގެ ދިގު މެދުކެނޑުމަކަށް ފަހު، ޔޫކްރޭނާއި ރަޝިޔާއިން ހަނގުރާމަ ހުއްޓައިލުމަށް ބޭއްވި މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ނުލިބި ނިންމާލައިފާއިރު، ރަޝިޔާގެ ރައީސް ވްލެޑިމިޔަރ ޕޫޓިން އާއި ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީގެ ސީދާ މަޝްވަރާތަކަށް ރަޝިޔާއިން ޝަރުތުތަކެއް ކުރިމަތިކުރުވައިފިއެވެ.
މި މަޝްވަރާތައް ސީދާ ޕޫޓިންއާ ކުރައްވަން، ޒެލެންސްކީ ހުށަހަޅުއްވާފައިވިޔަސް، އެކަމަށް ރަޝިޔާއިން އެއްބަސްވެފައެއް ނުވެއެވެ.
ތުރުކީވިލާތުގެ ވެރިރަށް އިސްތަންބުލްގައި އިއްޔެ ބޭއްވި މަޝްވަރާތައް ނިންމާލާފައިވަނީ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްވެސް ކަމަކަށް އެއްބަސްވެފައެއް ނުވެއެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި، ސުލްޙަ ޤާއިމުކުރަން ލިބުނު ފުރުޞަތު ޕޫޓިން ގެއްލުވާލާފައިވާ ކަމަށާއި، މީހުން ޤަތުލުކުރަން ހުއްޓައިލަން ޕޫޓިން ބޭނުންނުވާ ކަމަށެވެ.
އަދި ޕޫޓިން ހުއްޓުވޭނީ، ރަޝިޔާއަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ޕްރެޝަރުކުރުން އިތުރުކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށިކޮށްގެން ކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ.
މި މަޝްވަރާތަކުގައި ޔޫކްރޭނުގެ ވަފްދުގައި އިސްކޮށް ހުންނެވި ދިފާއީ ވަޒީރު ވިދާޅުވީ، މިކަމުގައި ދެން އޮތް ފިޔަވަޅަކީ ދެ ޤައުމުގެ ރައީސުން ބައްދަލުކުރައްވައި، ސީދާ މަޝްވަރާތައް ކުރެއްވުން ކަމަށެވެ.
މިކަމާ ގުޅިގެން ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، މިކަން އިންތިޒާމުކުރުމުގެ ފުރުޞަތު އޮތް ކަމަށާއި، ނަމަވެސް، އޭގެކުރިން ބައެއް ކަންކަމަށް އެއްބަސްވާންޖެހޭނެ ކަމަށެވެ.
ނަމަވެސް، އެއީ ސީދާ ކޮން ކަމެއް ކަމަށް އޭނާ ސާފުކޮށްދެއްވައިފައެއް ނުވެއެވެ.
މި މަޝްވަރާތަކުގައި ރަޝިޔާގެ ވަފްދު އިސްކޮށް ތަމްޞީލް ކުރެއްވި ޕޫޓިން އެޑްވައިޒަރު ވިދާޅުވީ، ހަނގުރާމަ ހުއްޓައިލުމަށްޓަކައި ރަޝިޔާއިން ގެންގުޅޭ ތަސައްވުރު ހުށަހަޅާނެ ކަމަށެވެ.
ނަމަވެސް، އެ ހުށަހެޅުން ހުށަހަޅާނެ ސީދާ ތާރީޚެއް އޭނާ ވެސް ދެއްވައިފައެއް ނުވެއެވެ.