ENGLISH

18 މޭ 2025

Advertisement

އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދައި، ޕެލަސް އިން ތާރީޚުގެ ތެރެއަށް

17 މޭ 2025

|

މުޙައްމަދު އަދުހަމް

އެފްއޭކަޕްގެ ޓްރޮފީއާއެކު ޕެލަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އެމިރޭޓްސް އެފްއޭކަޕް

އިނގިރޭސި އެފްއޭކަޕްގެ ފައިނަލުގައި މިރޭ މެންޗެސްޓަރ ސިޓީ 1-0 އިން ބަލިކޮށް، ކްރިސްޓަލް ޕެލަސް އިން ތާރީޚީ ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.

މިއީ ޕެލަސްގެ ތާރީޚުގައި ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތުގެ ތަށްޓެވެ. އަދި، މިއީ ސިޓީގެ ކޯޗުގެ މަގާމާ ޕެޕް ގާޑިއޯލާ ހަވާލުވި ފުރަތަމަ ސީޒަނުގެފަހުން އެ ޓީމަށް ތަށްޓެއް ނުލިބި ހުސްއަތާ ނިންމާލަންޖެހުނު ފުރަތަމަ ފަހަރެވެ. އެ ޓީމަށް މިދިޔަ އަހަރުގެ އެފްއޭކަޕްގެ ފައިނަލުގައިވެސް ކުރިމަތިވީ ނާކާމިޔާބީއެވެ. އެފަހަރުގެ ފައިނަލުގައި އަވަށްޓެރި މެންޗެސްޓަރ ޔުނައިޓެޑް އަތުން ސިޓީ ބަލިވީ 2-1 އިންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 16 ވަނަ މިނެޓުގައި ޕެލަސް އަށް ކާމިޔާބުކޮށްދިނީ ކައުންޓަރއެޓޭކެއްގައި އިނގިރޭސި މިޑްފީލްޑަރު، އެބެރޭޗީ އެޒޭ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ކޮލަމްބިއާ ޑިފެންޑަރު، ޑެނިއަލް މުނޯޒް ނަގައިދިން ހުރަހެއްގެ އެހީގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕެލަސްގެ ގޯލްކީޕަރު، ޑީން ހެންޑަސަން ޕެނަލްޓީއޭރިޔާ ބޭރުން ބޯޅައިގައި އަތްލިނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ނިންމީ އޭނާ އަށް ރަތް ކާޑު ނުދައްކާށެވެ. އެއީ، ސިޓީގެ ފޯވާޑް، އާލިން ހާލަންޑް އެވަގުތު ބޯޅަ ހިފައިގެން ދިޔައީ ގޯލް އޭރިޔާއާ ދުރަށް ކަމަށްވުމުން، ގޯލްޖެހުމަށް ލިބުނު ހުސް ފުރުޞަތަކަށް ހުރަސްއަޅާފައިނުވާ ކަމަށް ބަލައިގެންނެވެ.

އޭގެފަހުން، މެޗުގެ 36 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން ސިޓީގެ މިޑްފީލްޑަރު، ބެނާޑޯ ސިލްވާ އަށް ޕެލަސްގެ ޑިފެންޑަރު، ޓައިރިކް މިޗޭލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އޮމަރް މާމޯޝް ފޮނުވާލުމުން ހެންޑަސަން ވަނީ އެ ބޯޅަ މަތަކޮށްފައެވެ.

ސިޓީން މުޅި މެޗު ކޮންޓްރޯލްކޮށް، ގިނަވަގުތު ބޯޅަ ގެންގުޅުނުނަމަވެސް ޕެލަސް އިން ވަނީ ރަނގަޅު ޑިފެންސެއްކޮށް، އިދިކޮޅު ޓީމުގެ އެޓޭކުތައް ކާމިޔާބުކަމާއެކު ހުއްޓުވާފައެވެ. އެގޮތުން، ފުރަތަމަ ހާފުގައި ހާލަންޑާއި ޔޮޝްކޯ ގްވާޑިއޯލް އަދި ޖެރެމީ ޑޮކޫގެ ހަމަލާތައް ހެންޑަސަން ހުއްޓުވިއިރު، ފަހު ހާފުގައި ކްލައުޑިއޯ އެޗެވެރީ ފޮނުވާލި ބޯޅަ ވެސް މަތަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު