ENGLISH
05 ޖުލައި 2025
އައިއެމްއޯއަށް ކަނޑައެޅި ދާއިމީ މަންދޫބު ފަތްކޮޅު އަރުވައިފި
17 މޭ 2025
|
އައިއެމްއޯއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އަށް އެރުވުން (ފޮޓޯ/ފޮރިން މިނިސްޓްރީ)
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ހައިކޮމިޝަނަރު އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ އެންޓޯނިއޯ ޑޮމިންގުއޭޒް ވެލާސްކޯއަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަފީރު އިރުތިޝާމް އާދަމް ވަނީ، އައިއެމްއޯއާ އެކު ގުޅުން ބަދަހިކޮށް، އެ ޖަމިއްޔާގެ ކަންކަމުގައި ބައިވެރިވުން އިތުރުކޮށް ގައުމުގެ މެރިޓައިމް ކަންކަމުގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ސެކްރެޓަރީ ޖެނެރަލވަނީ ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ރާއްޖެއަށް އެއްބާރުލުން ދެއްވާނެކަމުގެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ނަވާރަ ސަތޭކަ ސާޅީސް ނުވަ ވަނަ އަހަރު އުފެދުނު އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަކީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާއި ކަނދުއުޅަނދުތަކުގެ ސަބަބުން ކަނޑު އަދި ވައި ތަޣައްޔަރުވުމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އަމާޒަކީ ހަމަހަމަ، ހަރުދަނާ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ ޝިޕިން އިންޑަސްޓްރީގެ ރެގިއުލޭޓަރީ ފްރޭމްވޯކެއް ގާއިމުކުރުމެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގައި މި ވަގުތު 174 މެމްބަރު ގައުމަކާއި ތިން އެސޯސިއޭޓް މެމްބަރުން ތިބެ އެވެ. ރާއްޖެ އައިއެމްއޯގެ މެމްބަރަކަށްވީ 1967 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. ހައި ކޮމިޝަނަރު އިރުތިޝާމް އަކީ ރާއްޖެ މެމްބަރު ގައުމަކަށް ވީ ފަހުން އައިއެމްއޯއަށް ކަނޑައެޅުނު ދެވަނަ ދާއިމީ މަންދޫބެވެ.
ހައިކޮމިޝަނަރ އިރުތިޝާމް އާދަމްގެ އަރިހުގައި އިނގިރޭސިވިލާތާއި ނޮދަން އަޔަލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ މުހައްމަދު އަހުމަދާއި ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފްގެ އިތުރުން ފަސްޓް ސެކްރެޓަރީ ސާރާ ޚާލިދު ބައިވެރިވެވަޑައިގެންނެވިއެވެ.