ENGLISH

18 މޭ 2025

Advertisement

ނަފްސާނީ ދާއިރާގެ 33 ބައިވެރިންނާއެކު ބޭއްވި މެންޓަލް ހެލްތު ގެޕް ޓްރެއިނިން ނިންމާލައިފި

17 މޭ 2025

|

ޢަލީ ޝަހީމް

މެންޓަލް ހެލްތު ގެޕް ޓްރެއިންގެ ބައިވެރިއަކު ސެޓްފިކެޓާ ހަވާލުވަނީ. ފޮޓޯ: ނޭޝަނަލް މެންޓަލް ހެލްތު ޑިޕަރޓްމަންޓް

މާލެ ސަރަހައްދުގައި މަސައްކަތްކުރާ ނަފްސާނީ ދާއިރާގެ 33 ބައިވެރިންނާއެކު، ނޭޝަނަލް މެންޓަލް ހެލްތު ޑިޕަރޓްމަންޓުން އިންތިޒާމުކޮށްގެން ބޭއްވި މެންޓަލް ހެލްތު ގެޕް ޓްރެއިނިން ނިންމާލައިފިއެވެ. 

ޞިއްޙީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް މެންޓަލް ހެލްތު ޑިޕަރޓްމަންޓުން ޓްރެއިނިން ކުރިއަށްގެންދިޔައީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި ޔުނިސެފް މޯލްޑިވްސް އަދި އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތާ ގުޅިގެންނެވެ. 

މެއި 11 އިން މެއި 15 އަށް ޓްރެއިނިން ކުރިއަށްގެންދިޔައީ ހުޅުމާލޭގައެވެ. 

ގެޕް ޓްރެއިނިންގައި ކުރިއަށްގެންދިޔަ ބައިތަކުގެ ތެރޭގައި ނޭޝަނަލް މެންޓަލް ހެލްތު ޕޮލިސީއާ ގުޅޭގޮތުން މަޝްވަރާކުރުމާއެކު، ނަފްސާނީ ސިއްޙަތުގެ ހިދުމަތް މިހާރަށްވުރެ ރަނގަޅަށް ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ހިޔާލުބަދަލުކުރުން ހިމެނެއެވެ. އަދި، ދާއިރާގައި ހުރި ގޮންޖެހުންތައް މަޝްވަރާކޮށް، ގޮންޖެހުންތައް ކުޑަކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. 

ޞިއްޙީ ވުޒާރާއިން ބުނީ ގެޕް ޓްރެއިނިންގެ ސަބަބުން ނަފްސާނީ އުނދަގޫތައް ތަހައްމަލްކުރަމުންދާ މީހުންނާއެކު މަސައްކަތްކުރުމުގައި، ބައިވެރިންގެ ހުނަރާއި ގާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ. 

ޓްރެއިނިންގެ ބައިވެރިންގެ ތެރެއިން 31 ބައިވެރިއަކު ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. 

ވަކި އިދާރާއެއްގެ ގޮތުގައި މިހާރު ހިންގަމުން އަންނަ ނޭޝަނަލް މެންޓަލް ހެލްތު ޑިޕަރޓްމަންޓުން އަންނަނީ ނަފްސާނީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މެއި ފުރަތަމަ ހަފްތާގައި އެ އިދާރާއިން ވަނީ، ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިފްރެޝަރ ޓްރެއިނިންއެއް ބާއްވައިފައެވެ. އަދި، އޭޕްރީލް މަހުގެ ތެރޭގައި އެ ޑިޕަރޓްމަންޓުން ވަނީ "ވިލުންތެރި އެކުވެރިން" ގެ ނަމުގައި ބެލެނިވެރިންނަށް ހާއްސަ ފޮތެއް ނެރެފައެވެ. 

ކިޔުންތެރިންގެ ހިޔާލު