ENGLISH
18 މޭ 2025
ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި ކުރެހުމުގެ މުބާރާތެއް ބާއްވަނީ
17 މޭ 2025
|
ހުޅުމާލެ ކޮމިއުނިޓީ އެލައެންސްގެ ފަރާތުން މީގެކުރިން ބޭއްވި ހަރަކާތެއްގެ ތެރެއިން.
އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ކޮމިއުނިޓީ އެލައެންސްގެ ފަރާތުން ކުރެހުމުގެ މުބާރާތެއް ބޭއްވުމުގެ ތައްޔާރީތައް ފަށައިފިއެވެ.
މުޖުތަމައުގެ އެއްބައިވަންތަކަމާއި ގުޅުން ވަރުގަދަކުރުމަށް އުފައްދާފައިވާ ޖަމިއްޔާއިން ބާއްވާ ކުރެހުމުގެ މުބާރާތް އޮންނާނީ ޖޫން 19 ވަނަ ދުވަހު ހުޅުމާލެ ރެހެންދި ސްކޫލުގައެވެ. ކުރެހުންތައް ދައްކާލުން އޮންނާނީ އެދުވަހުގެ ހަވީރު 4 އިން 6 އަށް ކަމަށް ހުޅުމާލެ ކޮމިއުނިޓީ އެލައެންސްއިން މައުލޫމާތުދީފައިވެއެވެ.
އެ ޖަމިއްޔާއިން ބުނީ މިއަހަރުގެ ޝިއާރުގެ ގޮތުގައި ބޭނުންކުރަނީ "ބީޓް ޕްލާސްޓިލް ޕޮލިއުޝަން" ކަމަށެވެ. މުބާރާތުގެ އެންމެ މޮޅު ތިން ކުރެހުން ހޮވައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލެ ކޮމިއުނިޓީ އެލައެންސްއިން ބުނީ މިއަހަރުގެ މުބާރާތް ރެހެންދި ސްކޫލުގައި ބާއްވަނީ އެ ސްކޫލުން މުބާރާތް ބޭއްވުމުގައި ބައިވެރިވުން ބޮޑުވުމުން ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ ކުރެހުމުގެ މުބާރާތުގެ ފުރުސަތު ހުޅުވާލީ ސްކޫލްތަކުގެ ކުދިންނަށް ކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މެއި 15 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. ކުރެހުމުގެ މުބާރާތުގައި ރެހެންދި ސްކޫލުގެ އެންވަޔަރަމަންޓް ކްލަބުގެ ފަރާތުން ކުރެހުންތައް ހުށަހަޅާއިރު 100 އަށް ވުރެ ގިނަ ކުދިންގެ ކުރެހުން ފެންނާނެކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދީފައިވެއެވެ.
މުބާރާތުގައި ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން އެންމެ ރީތި 12 ކުރެހުން ހޮވައި 2026 ވަނަ އަހަރު އެޖަމިއްޔާއިން އާއްމުކުރާ ކަލަންޑަރުގައި ހިމަނަން ވަނީ ނިންމައިފައެވެ.