ENGLISH

18 މޭ 2025

Advertisement

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކުރި ފައިސާ %37 އިތުރުވެއްޖެ

17 މޭ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި މާލީ ވަޒީރު މޫސާ ޒަމީރު، ފޮޓޯ: ރައީސް އޮފީސް

ދައުލަތުން ނަގާފައިވާ ދަރަނި ދެއްކުމަށް 2017 ވަނަ އަހަރު އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް މި އަހަރު ޖަމާކުރި ފައިސާގެ އަދަދު 37 އިންސައްތަ އިތުރުވެފައިވާކަން މާލީ ވުޒާރާއިން އާއްމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. 

އެ ވުޒާރާއިން ހަފުތާއަކު އެއްފަހަރު ޝާއިއުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ހިނގަމުންދާ މޭ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)އަށް 681.9 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. މި ފައިސާ ސަރުކާރުން ޖަމާކުރަނީ ޑޮލަރުންނެވެ. 

ފާއިތުވި އަހަރުގެ އެ މުއްދަތުގައި އެސްޑީއެފްއަށް ސަރުކާރުން ޖަމާކޮށްފައިވަނީ 497.3 މިިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު އެސްޑީއެފްއަށް ޖަމާކުރި ފައިސާގެ އަދަދު %37.02  އިތުރުވެފައިވެއެވެ. 

ރާއްޖެއިން ނަގާފައިވާ ދައުލަތުގެ ދަރަނިތައް އަދާކުރުމަށް ފައިސާ ޖަމާކުރުމަށް ގާއިމުކުރި މި ފަންޑުގައި 2018 ވަނަ އަހަރު އެއިރުގެ ވެރިކަން ބަދަލުވިއިރު ގާތްގަނޑަކަށް 120 މިލިއަން ޑޮލަރު ހުއްޓެވެ. 2021 ވަނަ އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ނެރުނު ރިޕޯޓެއްގައި ބަޔާންކުރި ގޮތުން 2020 ވަނަ އަހަރު އެއިރުގެ ސަރުކާރުން އެ ފަންޑުގައި ހުރި ފައިސާގެ 90 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރިއެވެ. 

އެއަށްފަހު އެފަންޑަށް އެކަށީގެންވާ ގޮތެއްގައި ޑޮލަރުން ފައިސާ ޖަމާނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ނޮވެންބަރު 17، 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެ ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރެވެ. 

ރައީސް ޑރ،މުޢިއްޒު މި މަހުގެ ތިންވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހާމަކުރެއްވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން މުއްދަތުން ފެށިގެން އޭޕްރީލް 30، 2025 ވަނަ ދުވަހާ ހަމައަށް އެސްޑީއެފްއަށް 121 މިލިއަން ޑޮލަރުވަނީ ޖަމާކޮށްފައެވެ. 

ރާއްޖޭގެ ކްރެޑިޓު ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗްއިން ނިމުނު އަހަރު ރާއްޖޭގެ ކްރެޑިޓު ރޭޓިން އިތުރަށް ދަށްނުކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި އެއިރު ކުރު މުއްދަތުގައި ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރެވޭ މިންވަރަށް އެސްޑީއެފްގައި ޑޮލަރު ހުރުން ހިމެނެއެވެ. 

އެސްޑީއެފްއަކީ ދައުލަތުގެ ރަސްމީ ރިޒާވްގެ ބޭރުން ގާއިމުކޮށްފައިވާ ފިސްކަލް ރިޒާވެކެވެ. އެ ފަންޑުގެ ބޭނުމަކީ ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވަށް ބަރޯސާނުވެ، ދަރަނި އަދާކުރަންޖެހުމުގެ ސަބަބުން ރިޒާވް އިތުރަށް ހީނަރުވިޔަނުދީ ސަރުކާރަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭނުންކޮށްގެން ދަރަނި އަދާކުރުމެވެ. 

އެ ފަންޑު ރަނގަޅު ހާލަތުގައި އޮތުމަކީ އަންނަ އަހަރު ރާއްޖެއިން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަންޏެއް އަދާކުރަންޖެހޭ ހިނދު ސަރުކާރަށް އަދި ދައުލަތުގެ ރަސްމީ ރިޒާވަށް ލުއިވާނެ ކަމެއްކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު