ENGLISH

18 މޭ 2025

Advertisement

ހިސާބުތަކުން؛ މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޭން ފެށުމުގެ ނަތީޖާ

17 މޭ 2025

|

ޝިފްޒާން އަޙްމަދު

މަސްވެރިންތަކެއް، ފޮޓޯ: މަސްވެރި އިހަވަންދޫ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ދޭންޖެހި ނުދީ ހުރި ފައިސާގެ އަދަދު 200 އެތައް މިލިއަން ރުފިޔާއަށް އަރައެވެ. އެކަމުގެ ސަބަބުން މަސްވެރިންނަށް ފައިސާ ދޫކުރުމުގައި އެ ކުންފުންޏަށް ގިނަގުނަ ދަތިތަކެއް ކުރިމަތިވިއެވެ. 

ސަރުކާރުން އެކަން ހައްލުކުރުމަށް ކުރި މަސައްކަތްތަކާއެކު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ކުރިއްސުރެ ނުދެވި ހުރި ފައިސާއާއެކު މަސްވެރިންނަށް ދޫކުރަންޖެހޭ ހުރިހާ ފައިސާއެއް ދޫކޮށް ނިންމައިލެވުނީ 2024 ވަނަ އަހަރުގެ ނޮވެންބަރު ހިސާބުގައެވެ. 

އެއާއެކު، ސަރުކާރުން އަމާޒުހިފީ، ރައީސް ޑރ.މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މަސްވެރިންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމެއް ތަރުތީބުކުރުމަށެވެ. ފިނޭންސް މިނިސްޓްރީއާއި މިފްކޯއާއި ބޭންކް އޮފް މޯލްޑިވްސްގެ މެދުގައި މަޝްވަރާކުރެވި މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރެވޭނެ ގޮތަށް ތަރުތީބުތަކެއް ހަމަޖެހި ރައީސްގެ އެ ވައުދުފުޅު ސަރުކާރުން ފުއްދައި އެ ސިޔާސަތު ތަންފީޒުކުރަން ފެށީ ޑިސެންބަރު 10, 2024 ވަނަ ދުވަހުއެވެ. 

މި ބަދަލާއެކު މަސްވެރިކަމަށް ލިބުނު ކުރިއެރުން ތަފާސްހިސާބުތަކުން ފެނެއެވެ. އެގޮތުން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާގައި މަސްކިރުވި މިންވަރު އޭގެ ކުރީ އަހަރު (2023)އާ އަޅާބަލާއިރު 28.4 އިންސައްތަ ދަށްވި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ނިސްބަތްވަނީ 5.3 އިންސައްތަ އިތުރުވެފައެވެ. 

އެގޮތުން ނިިމުނު އަހަރުގެ ފުރަތަމަ ކުއާޓާގައި ކިރުވާފައިވަނީ 23،644.2 މެޓްރިކްޓަނުގެ މަހެވެ. މި އަހަރުގެ އެ މުއްދަތުގައި 24،902 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެއެވެ. ހާއްސަކޮށް ކަޅުބިލަމަސް ކިރުވި މިންވަރު އިތުރުވިކަން ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރު ކިރުވާފައިވަނީ 19،900.1 މެޓްރިކްޓަނުގެ ކަޅުބިލަމަހެވެ. މި އަހަރު 21،269.2 މެޓްރިކްޓަނުގެ ކަޅުބިލަމަސް ކިރުވުމާއެކު، ކަޅުބިލަމަސް ކިރުވި މިންވަރު 6.9 އިންސައްތަ އިތުރުވެފައިވެއެވެ. 

މަސް ކިރުވި މިންވަރުގެ އިތުރަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރުވެސް މި އަހަރު އިތުރުވިއެވެ. އެގޮތުން ނިމުނު އަހަރުގެ ފުރަތަމަ ތިން މަހު އެކްސްޕޯޓުކުރީ 14،259.9 މެޓްރިކްޓަނުގެ މަހެވެ. މި އަހަރު 21،599.4 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓުކުރިއެވެ. އެހެންކަމުން މި އަހަރު މަސް އެކްސްޕޯޓުކުރެވުނު މިންވަރު %51.5 އިތުރުވެފައިވެއެވެ. 

ކަޅުބިލަމަހުގެ އެކްސްޕޯޓަށް ބަލާއިރު ނިމުނު އަހަރު އެ މުއްދަތުގައި އެކްސްޕޯޓުކުރީ 9،1017.1 މެޓްރިކްޓަނުގެ ކަޅުބިލަމަހެވެ. މި އަހަަރު 16،323.4 މެޓްރިކްޓަނުގެ ކަޅުބިލަމަސް ބޭރުކޮށްފައިވެއެވެ. އެއީ 64.9 އިންސައްތައިގެ އިތުރުވުމެކެވެ. ބޮޑުކަންނެލީގެ އެކްސްޕޯޓުވެސް އިތުރުވެފައިވާކަން ހިސާބުތަކުން ދައްކައެވެ. ނިމުނު އަހަރު 2،899.9 މެޓްރިކްޓަނުގެ ބޮޑުކަންނެލި އެކްސްޕޯޓުކުރިއިރު، 3،250.1 މެޓްރިކްޓަނުގެ ބޮޑުކަންނެލި މި އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކުރިއެވެ. އެއީ ނިމުނު އަހަރަށްވުރެ 5.2 އިންސައްތަ އިތުރު މިންވަރެކެވެ. 

ފައިސާގެ ގޮތުން ބަލާއިރު ނިމުނު އަހަރުގެ ފުރަތަަމަ ކުއާޓާގައި އެކްސްޕޯޓުކޮށްފައިވަނީ 28.1 މިލިއަން ޑޮލަރު ނުވަތަ 433.3 މިލިއަން ރުފިޔާގެ މަހާއި މަހުގެ އުފެއްދުންތަކެވެ. މި އަހަރު ބޭރުކުރި މަހާއި މަހުގެ އުފެއްދުންތަކުގެ އަގު 34.3 މިލިއަން ޑޮލަރަށް ނުވަތަ 528.9 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ އަހަރުން އަހަރަށް ބަލާނަމަ 22.3 އިންސައްތައިގެ ކުރިއެރުމެކެވެ. 

މަސްވެރިންނަށް ބަރާބަރަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށިފަހުން 500 މިލިއަނާ ގާތްކުރާ އަދަދެއްގެ ފައިސާ މަސްވެރިންނަށް މިފްކޯއިންވަނީ ދޫކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފައިސާ ނުލިބޭތީ މަސްވެރިކަމާ ދުރަށްދިޔަ ގިނަ އަދަދެއްގެ މަސްވެރިން އަނބުރާ މަސްވެރިކަމާ ގުޅެމުންދެއެވެ. އަދި މަސްވެރިކަމަށް ނުކުންނަ އޮޑިފަހަރުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. 

މަރުކަޒީ ބޭންކުގެ ހިސާބުތަކަށް ބަލާއިރު، މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށުމާއެކު، މަސް ކިރުވާ މިންވަރާއި، މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މިންވަރާއި އެ އެކްސްޕޯޓުން ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވެފައިވާކަން ފެނެއެވެ. 

ސަރުކާރުން އަންނަނީ މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސް ޕްރޮސެސްކޮށް ބަންދުކުރުމުގެ ގާބިލުކަން އިތުރުކޮށް، މަސް ރައްކާކުރެވޭ މިންވަރުވެސް އިތުރުކުރުމާއެކު، މަސްވެރިންނަށް ލުއިފަސޭހަވާނެހެން ތެލާއި އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ހިންގާފައިވާ ވަރަށްވުރެ ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަށައި ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު