ENGLISH

17 މޭ 2025

Advertisement

މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެއަށް

16 މޭ 2025

|

އަޙުމަދު ޙަމީދު

މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެއަށް ވަޑައިގަތުން

ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް މިއަދު ރާއްޖެ ވަޑައިގަންނަވައިފި އެވެ.

މިއަދު ރާއްޖެ ވަޑައިގެންނެވީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމުގެ މަސައްކަތުގެ އެޑްވާންސް ޓީމެވެ. މި ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ބޭފުޅުންނާއި، ސަޢުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސަޢުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާގުޅުންހުރި މުޢައްްސަސާތައް ހިމެނޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ބުންޏެވެ. މި ވަފުދުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒު ކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހުއެވެ. 

މައްކާ ރޫޓް އިނީޝިއޭޓިވްގެ މަސައްކަތްތަކަށް ސަޢުދީ ޢަރަބިއްޔާއިން 26 ބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ. 

މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމެވިކަމީ، ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭކަމެކެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު