ENGLISH

17 މޭ 2025

Advertisement

އައްޑޫ ފެން ޕްލާންޓުތަކުން ބިމަށް ފެން ލީކުވެ 9.8 މިލިއަންގެ ގެއްލުމެއް، ހަދަންޖެހޭ ޓެސްޓުތައް ނުހަދާ

16 މޭ 2025

|

ޝިފްޒާން އަޙްމަދު

އައްޑޫ ޑިސެލިނޭޝަން ޕްލާންޓު، ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީގައި ފެނަކަ ކުންފުނިން އޮޕަރޭޓުކުރަމުންދާ ދެ ފެން ޕްލާންޓުން އުފައްދާ ފެނުގެ ބޮޑު އިންސައްތައެއް ބިމަށް ލީކުވެ، 9.8 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަން ފެނަކަ ކޯޕަރޭޝަނުގެ ހާއްސަ އޮޑިޓު ރިޕޯޓަކުން ދައްކައިފިއެވެ. 

އޮޑިޓާ ޖެނެރަލް އޮފީހުން ހަދާފައިވާ ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ޖަނަވަރީ 1، 2021 އިން ފެށިގެން 31 އޮކްޓޯބަރު 2024 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫގައި ހުރި ދެ ފެންޕްލާންޓުން 934،656 ކޮޑި މީޓަރުގެ ފެން ޑިސްޓްރިބިއުޝަން ޓޭންކުތަކަށް ފޮނުވި ނަމަވެސް، އެ މުއްދަތުގައި ބިލުކޮށްފައިވަނީ 485،155 ކޮޑި މީޓަރުގެ ފެނަށެވެ. 

އެހެންކަމުން އެ މުއްދަތުގައި ޑިސްޓްރިބިއުޝަން ސެންޓަރުތަކަށް ފޮނުވި ފެނުގެ ތެރެއިން 449،501 ކޮޑި މީޓަރުގެ ފެނަށް ބިލުކޮށްފައި ނުވެއެވެ. އެއީ، ފެން ބިލު ހެދުމުގައި ބޭނުންކުރާ ބޭންޑުތަކުގެ ތެރެއިން އެންމެ ދަށް ބޭންޑުކަމަށްވާ ޑޮމެސްޓިކް ބޭންޑު ނުވަތަ ކޮޑި މީޓަރަކަށް 22 ރުފިޔާގެ މަގުން ހިސާބުކުރުމުން އެއީ 9،889،022 (ނުވަމިލިއަން އަށްލައްކަ އަށްޑިހަ ނުވަހާސް ބާވީސް) ރުފިޔާގެ ފެންކަން އޮޑިޓު ރިޕޯޓުގައި ފާހަގަކުރިއެވެ. 

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިފަދައިން ދިމާވަނީ އައްޑޫ ސިޓީގެ މަގުތައް ކޮންނައިރު ބަލަންވާވަރަށް އެކި ފަރާތްތަކުން ނުބަލާތީއާއި ފެންހޮޅިތަކަށް ގެއްލުން ލިބނަސް އެކަން ކުންފުންޏަށް ބައެއް ފަރާތްތަކުން އަންގަމުންނުދާތީ ގިނަ އަދަދެއްގެ ފެން ބިމަށް ލީކުވަމުންދާތީކަމަށް ފެނަކައިން މައުލޫމާތު ދީފައިވެއެވެ. 

އަދި ފެން ލީކުވާކަމާއި ލީކުވަނީ ކޮން ތަަނަކުންކަން އެނގޭނެ ނިޒާމެއް އައްޑޫގައި ނެތުމުން، ފެން ލީކުވާ މައްސަލަ ހައްލުކުރުމަށް ބަައެއް ހާލަތްތަކުގައި ވަގުތު ނަގާކަމަށްވެސް ފެނަކައިން މައުލޫމާތު ދިނެވެ. 

މިގޮތަށް ގިނަ އަދަދެއްގެ ފެން ލީކުވަމުން ދިައުމުގެ ސަބަބުން ހުޅުމީދޫގައި ގާއިމުކޮށްފައިވާ ފެން ޕްލާންޓުން އުފައްދާފައިވާ ފެނުގެ %16 އަދި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ދިނުމަށް ހިތަދޫގައި ގާއިމުކޮށްފަައިވާ ފެން ޕްލާންޓުނ އުފައްދާ ފެނުގެ %54 ފެނަށް ބިލުކުރެވިފައިނުވެއެވެ. 

ހަދަންޖެހޭ ބައެއް ޓެސްޓުތައް ނުހެދުން

އައްޑޫގައި ގާއިމުކޮށްފައިވާ ފެން އުފައްދާ ޕްލާންޓުތަކާ ގުޅޭ ގޮތުން އޮޑިޓު އޮފީހުން ފާހަގަކުރި އަނެއް މައްސަލައަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން 2022 ވަނަ އަހަރު ނެރެފައިވާ "ސަޕްލައި ވޯޓާ ކޮލިޓީ ސްޓެންޑާޑް" ގައި ފެނުގެ މިންގަނޑުތައް ކަށަަވަރުކުރުމަށް ހަދަންޖެހޭ ޓެސްޓުތައް ކަމުގައި ބަޔާންކޮށްފައިވާ ޓެސްޓުތަކުގެ ތެރެއިން ބައެއް ޓެސްޓުތައް ނުހެދުމެވެ. 

ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ދުވަހުން ދުވަހަށް ފެނުގެ ފެންވަރު ކަށަވަރުކުރުމަށް ހަދަންޖެހޭ ޓެސްޓުތަކުގެ ތެރެއިން ހަތް ޓެސްޓާއި އަދި އަހަރަކު އެއްފަހަރު ހަދަންޖެހޭ ޓެސްޓުތަކުގެ ތެރެއިން ދެ ޓެސްޓު ހަދާފައިނުވެއެވެ. ޓެސްޓުތައް ނުހެދުނު ސަބަބާ ގުޅޭ ގޮތުން އެ ޕްލާންޓުތައް ހިންގަވަން ތިއްބެވި ބޭފުޅުން އޮޑިޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ދެ ޓެސްޓެއް ހެދުމަށް ބޭނުންވާ ކެމިކަލް އައްޑޫގައި ނެތް ކަމަށެވެ. ނަމަވެސް ބައެއް ޓެސްޓުތައް ހެދުމަށް ސާމްޕަލް ހެޑް އޮފީހަށް ކޮންމެ މަހަކު ފޮނުވި ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ. 

ނަމަވެސް އޮޑިޓު ހެދި ތާރީހާ ހަމައަށްވެސް އެ ރިޕޯޓުތައް އޮޑިޓަށް ލިބިފައި ނެތުމުން، ސާމްޕަލް ފޮނުއްވިކަމަށް އެ ޕްލާންޓުތަކުގެ ވެރިން ވިދާޅުވިޔަސް އެ ޓެސްޓުތައް ހަދާފައިވާކަން އޮޑިޓުގެ ބޭނުމަށް ކަށަވަރުނުކުރެވޭކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު