ENGLISH

26 ނޮވެމްބަރު 2024

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް މުއިއްޒުގެ ތަރައްގީ ބާރު ސްޕީޑުގައި

17 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ރައީސް މުއިއްޒު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ފެންނަމުންމިދަނީ މުހިންމު މަރުޙަލާތަކުގެ ތެރެއިން ރާއްޖޭގެ އުޖާލާ އަދި ތަރައްޤީވެފައިވާ މުސްތަޤްބަލެއްގެ ތަޞައްވުރު ޙަޤީޤަތަކަށް ވަމުންދާ މަންޒަރެވެ. މިއީ އަޅުގަނޑުމެންގެ މާދަމާ ބިނާކުރަމުންދާ މަޝްރޫޢުތަކުގެ ކުޑަ ތަޞައްވުރެކެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅަމުންދާ މަންޒަރެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންވެސްޓްމަންޓް ބޭންކެއް ޤާއިމުކުރުން

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންވެސްޓްމަންޓް ބޭންކް ޤާއިމުކުރުމުގެ ރަސްމިއްޔާތު

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންވެސްޓްމަންޓް ބޭންކެއް ޤާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މި ބޭންކް މެދުވެރިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ތަރައްޤީގެ މުހިންމު މަޝްރޫއުތަކަށާއި އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.

ދިވެހިރާއްޖެއާ ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންނާއި ގުޅިގެން ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ރާއްޖެއަށް ފަހިކުރުމުގެ ބައިވެރިއަކަށް މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްވާނެ އެވެ.

"މިއީ ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ބޭންކެއް." - އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ތ. ގުރައިދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުން

ތ. ގުރައިދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ސޮއު ކުރުމުގެ ރަސްމިއްޔާތު

ތ. ގުރައިދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީއާ ވަނީ ހަވާލުކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ތ. ގުރައިދޫގައި އެއަރޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމާއި، ހިއްކި ސަރަޙައްދު ޚިމާޔަތްކުރުމަށް ބޭނުންވާ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އެމްޓީސީސީގެ ފަރާތުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށް ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުން


ރައީސުލްޖުމްހޫރިއްޔާ އިންޓެންސިވް ކެއަރ ޔުނިޓް ބައްލަވާލައްވަނީ

ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށް ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވިއިރު ވަނީ ގިނަ ޒަމާނީ ވަސީލަތްތައް ޤާއިމްކޮށްފައި. އޭގެ ތެރޭގައި:

ޒަމާނީ ވަޞީލަތްތަކާއެކު ހަތަރު އޮޕަރޭޝަން ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސެއް ވަނީ ޤާއިމްކޮށްފައި.

ލޮލުގެ ބަލިތަކަށާއި ކަށީގެ ބަލިތަކަށާއި އަންހެނުންގެ ބަލިތަކުގެ އިތުރުން އާންމު ސަރޖަރީތަކަށް ޚާއްސަ ހަތަރު އޮޕަރޭޝަން ކޮޓަރި

ދިހަ އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓު އަދި އައިސީޔޫ ރޫމެއް ވަނީ ޤާއިމްކޮށްފައި

ގައިންގަޔަށް އަރާ ބަލިތަކުގައި ހާލު ބޮޑުވާ މީހުންނަށް ގާތުން ފަރުވާ ދިނުމަށް އައިސޮލޭޝަން ޔުނިޓެއް ވަނީ ޤާއިމްކޮށްފައި

ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާދިނުމަށް ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ވަނީ ތަރައްޤީކޮށްފައި.

ސެންޓްރަލް ސްޓްރެއިލް ސަރވިސް ޑިޕާޓްމަންޓް

ސެންޓްރަލް ސްޓްރެއިލް ސަރވިސް ޑިޕާޓްމަންޓެއްވެސް ވަނީ ޤާއިމްކޮށްފަ އެވެ. މި ޑިޕާޓްމަންޓަކީ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ޞިއްޙީ އާލާތްތައް ސާފުކުރުމުގެ މަސައްކަތްކުރާ ތަނެކެވެ. މީގެ ކުރިން ހޮސްޕިޓަލުގައި ހުންނަނީ އާލާތްތައް ސާފުކުރަން ބޭނުންކުރާ އެއް މެޝިނެވެ. ޒަމާނީ ފެންވަރުގެ މެޝިނަރީއާއެކު މި ޤާއިމްކުރި ޑިޕާޓްމަންޓާއެކު މެޑިކަލް އާލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެއެވެ.

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު


ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން

"މި މަޝްރޫއު ފެށުމަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް" - ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން

މިއީ ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޚިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅު ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ލިބިގެންދާނެއެވެ.

ރައްޔިތުންނާ ގާތުން އައިޑީ ކާޑާއި ޕާސްޕޯޓް ލިބޭނެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅަކަށްވާއިރު އެވުޒާރާ އެކުލަވާލުމުން އެމަސައްކަތަށް ފަސޭހަކަމާއެކު މަގުފަހިވެގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އިމާރާތްކުރުން

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އޭދާފުށިގައި 1،000 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މިމަޝްރޫޢުގެ ދަށުން އެރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 15 ބުރީގެ 12 ޓަވަރެވެ. މި ޓަވަރުގައި ހުންނާނީ 2 ކޮޓަރީގެ 772 ފްލެޓާއި 3 ކޮޓަރީގެ 336 ފްލެޓެވެ.

"މިގޮތަށް 15 ބުރީގެ 12 ޓަވަރު އެޅުމަށް ނިންމެވީ އޭދަފުއްޓަކީ ސަރުކާރުން ކަނޑައަޅާފައިވާ އަރބަން ސެންޓަރަކަށްވެފައި އެރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ބިން އިތުރުރުކުރެވެން ނެތުމާއެކު ވަރޓިކަލް ޑިވެލޮޕްމަންޓަކީ މުހިންމުކަމެއްކަމަށް ގަބޫލްކުރެވިގެން" - ވަޒީރު މުއްޠަލިބު

އާ ޚިދުމަތްތަކާއެކު ޓާޝަރީ ފެންވަރަށް ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން 

ރައީސުލްޖުމްހޫރިއްޔާ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުއްވައިދެއްވަނީ

މުޅިން އަލަށް ނެޝަނަލް ފަރޓިލިޓީ ސެންޓަރެއް މި ހޮސްޕިޓަލުުގައި މިހާރު ޤާއިމްކޮށް ޚިދުމަތްދޭން ފަށައިފައެެވެ.

ނޭޝަނަލް ފަރޓިލިޓީ ސެންޓަރ ނުވަތަ ދަރިމައިވުމުގެ ސިއްޙަތުގެ ފަރުވާގެ ޤައުމީ މަރުކަޒު ޤާއިމްކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 22 ވަނަ ފަންގިފިލައިގައެވެ.

އިންޓްރާޔުޓެރިން އިންސެމިނޭޝަން ނުވަތަ އައިޔޫއައި، އައިވީއެފް ފަދަ ފަރުވާތައް މިހާރު ލިބޭނެ އެެވެ. މިތަނުގައި ފަރުވާދިނުމަށް ކަނޑައަޅާފައިވާ ޓީމަށް ވަނީ ޚާއްޞަ ތަމްރީންތަކެއްދީ، އަދި ޒަމާނީވަސީލަތްތައް ޤާއިމްކޮށްފައެވެ.

ހައިބްރިޑް ކެތުލެބު ޤާއިމްކޮށް، އެތަނުގައި ވަނީ ނިއުރޯ ސަރޖިކަލް، އެންޑޮވެސްކިއުލަރ އަދި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ޤާއިމްކޮށްފަ އެވެ.

ސިކުނޑީގެ ލޭހޮޅި ބެދުމުން ކަފާނުލައި އެހޮޅި ހުޅުވާލުމާއި، ސިކުނޑީގެ ޓިއުމަރ ލޭ ސަޕްލައިއާ ގުޅުންހުރި ނާރުގެ ފަރުވާ  އާއި ހިތުގެ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ކުޑަކުދިންނަށް ޚާއްޞަ އެމަޖެންސީ ފަރުވާ ޤާއިމްކޮށްފައި ވަނީ ކުޑކުދިންނަށް ރަހުމަތްތެރި މާހައުލެއްގޮތަށް އެމަޖެންސީގައި ޚާއްޞަ ފަރުވާ ދެވޭގޮތަށެވެ.

މ. ދިއްގަރު ޞިއްޙީ މަރުކަޒުގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް ޤާއިމުކުރުން

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ކްލިނިކް ހުޅުއްވައިދެއްވުން

މ. ދިއްގަރު ސިއްޙީ މަރުކަޒުގައި ޤާއިމުކޮށްފައިވާ އެން.ސީ.ޑީ ނުވަތަ ގައިންގައިން ނާރާ ބަލިތަކަށް ޚާއްސަ ކްލިނިކް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. އެކަމަަނާ މި ކްލިނިކް ހުޅުއްވައިދެއްވީ މި އަހަރުގެ ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި ދިއްގަރަށް ކުރެއްވި ދަތުރުފުޅެއްގައެވެ. މި އާ ކްލިނިކްގެ އެހީގައި ގައިންގަޔަށް ނާރާ ބަލިތައް ޖެހިފައި ތިބި މީހުންގެ ހާލަތު ދެނެގަތުމާއި، އެފަދަ ބަލިތަކަށް ޓެސްޓްތައް ހެދުމާއި، ހޭލުންތެރިކުރުމުގެ މަޢުލޫމާތުތައް ބަލި މީހުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ވެލާނާ އެއަރޕޯޓްގެ އާ ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ރައީސް ބައްލަވާލައްވަނީ

ފިއުލް ފާމްގެ ސަބަބުން ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުވެގެންދާނެއެވެ.

މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ 8.4 ކިލޯމީޓަރުގެ ދިގުމިނުގެ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ޤާއިމުކުރުމެވެ.

މިއީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަޙައްދާ ހަމައަށް ބިމުގެ އަޑީގައި ޤާއިމުކޮށްފައިވާ ވިއުގައެކެވެ.

މީގެ ކުރިން ބޯޓުތަކަށް ތެޔޮ އެޅުމަށް މުޅިންވެސް ބޭނުންކުރަމުން އައީ ރިފިއުލައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ރައީސް ބައްލަވާލައްވަނީ

މިނިޒާމުގެ ސަބަބުން އެއަރ ސައިޓުގައި އުޅަދުތަކުގެ ހަރަކާތްތައް މަދުވެ ސަލާމަތާ ރައްކާތެރިކަން އިތުރުވެ ތެޔޮއެޅުމަށް ހޭދަވާ ވަގުތުވެސް މަދުވެގެން ދާނެއެވެ.

އާ ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ރައީސުލްޖުމްހޫރިއްޔާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެކުލަވާލައްވާފައިވާ މާސްޓަރ ޕްލޭންގައިވާގޮތަށް އޮޕްރޭޝަންސް ފުޅާކޮށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން، މަތީ ފަންތީގައި ގުނާލެވޭ އެއާޕޯޓަކަށް މި އެއާޕޯޓް ހެދުމަށްކުރާ ދަތުރު އިތުރަށް ހަލުވިވެގެންދާނެ

ކިޔުންތެރިންގެ ހިޔާލު