ENGLISH
27 ޖޫން 2026
ޑެމްބެލޭގެ ހެޓްރިކާއެކު ފްރާންސަށް އެއްވަނަ، ސެނެގޯލް އުއްމީދުގައި
27 ޖޫން 2026
|
ވޯލްޑް ކަޕުގައި ނޯވޭ ކޮޅަށް ލަނޑު ޖެހުމަށްފަހު ފްރާންސްގެ ޑެމްބެލޭ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައިގައި އޮސްމާން ޑެމްބެލޭ ހެދި ހެޓްރިކާއެކު ފްރާންސުން 4-1 ގެ ނަތީޖާއަކުން ނޯވޭ ބަލިކުރިއިރު، ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު އިރާގު 5-0 ގެ ނަތީޖާއަކުން ބަލިކޮށް ސެނެގޯލުން ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފިއެވެ.
މިރޭގެ މެޗަށް ނުކުތްއިރުވެސް ފްރާންސާއި ނޯވޭ ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެެވެ. ނޯވޭ ބަލިކޮށް ފްރާންސް ގްރޫޕުގެ އެއްވަަނަ ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެެވެ. ނޯވޭއަށް ދެވަނަ ލިބެނީ ހަ ޕޮއިންޓާއެކުއެވެ.
ތިންވަނަ ހޯދި ސެނެގޯލަށް ތިން ޕޮއިންޓް ލިބުނުއިރު، ތިންވަނައަށް ދާ ޓީމުތަކުގެ ތާވަލުގެ ގަދަ 8 ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. އަދި 40 އަހަރަށްފަހު، ވޯލްޑް ކަޕަށް އެނބުރި އައި އިރާގު ކެޓީ ތިން މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބިއެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗާ ކުރިމަތިލިއިރު ދެ ޓީމުންވެސް ދެވަނަ ބުރުގެ ޖާގަތައް ކަށަވަރުކޮށްފައި އޮތުމުންނާއި، ގްރޫޕުގެ އެއްވަނަ ހޯދުމުގެ ފުރުސަތު އެކަނި އޮތުމުން، ނޯވޭއިން ވަނީ އެ ޓީމުގެ މުހިންމު 10 ކުޅުންތެރިއަކަށް ބަދަލު ގެނެސްފައެވެ. މިގޮތުން އާލިން ހާލަންޑް އަދި މާޓިން އޮޑެގާޑް ބެންޗުގައި ބޭތިއްބުމުގެ ނޭދެވޭ އަސަރު މެޗުގެ ތެރެއިން ފެނިގެންދިޔައެވެ.
ވޯލްޑް ކަޕުގައި ފްރާންސާއި ނޯވޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މި މެޗު ފެށިގެން އެންމެ 22 ސިކުންތުގެ ތެރޭގައި ކީލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑީގައި ޖެހުމާއެކު، ނޯވޭގެ ބަދަލު ޑިފެންޑަރުންނަށް ނުރައްކަލުގެ އިންޒާރު ލިބިގެންދިޔައެވެ. މެޗުގެ ހަތްވަނަ މިނެޓާއި 20 ވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
ޑެމްބެލޭގެ ދެވަނަ ލަނޑަށްފަހު، އެންމެ 79 ސިކުންތުގެ ތެރޭގައި ނޯވޭއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ޕެނަލްޓީ އޭރިއާ ބޭރުން ކާމިޔާބުކޮށްދިނީ ތެލޯ އާގްސާޑެވެ. ނަމަވެސް، އޭގެ ފަހުން ޑެމްބެލޭ ވަނީ ކުރިންވެސް ލަނޑު ޖެހި ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ނޯވޭއަށް ފަރަގު ކުޑަކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެއީ ތިއޯ ހެނާންޑޭޒް، އޮސްކާ ބޮބްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ނަމަވެސް ޔޯގެން ސްޓްރޭންޑް ލާސަން ފޮނުވާލި ޕެނަލްޓީ، ގޯލްކީޕަރު މައިކް މައިންނޯން ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، ބަދަލު ކުޅުންތެރިޔާ ބްރެޑްލީ ބާކޯލާ ނަގައިދިން ހުރަހަކުން ޑެސިރޭ ޑުއޭ ވަނީ ބޮލުން ޖަހައި، މުބާރާތުގައި އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، ނަތީޖާގެ ފަރަގު އިތުރަށް ބޮޑުކޮށްދީފައެވެ.
ވޯލްޑް ކަޕުގައި އިރާގު ކޮޅަށް ލަނޑު ޖެހުމަށްފަހު ސެނެގޯލްގެ ޕާޕޭ ގޭއި އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
މީގެ އިތުރުން ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ސަންޑަލެންޑަށް ކުޅެމުން އަންނަ ހަބީބު ޑިއާރާ ވަނީ ސެނެގޯލަށް ކުރި ހޯދައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އަބްދުުލާހި ސެކް ބޮލުން ފޮނުވާލި ބޯޅައެއްގެ އެހީގައެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ސެނެގޯލުގެ ސަޑިއޯ މާނޭއަށް އިރާގުގެ ރެބިން ސުލަކާ ކުރި ފައުލަކާ ގުޅިގެން ރެފުރީ އެންތަނީ ޓޭލާ ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު، ލަނޑު ޖަހަން ލިބުނު ސާފު ފުރުސަތަކަށް ހުރަސްއެޅިކަމަށް ނިންމައި، ރެފުރީ ވަނީ އެ ނިންމުން ރަތް ކާޑަކަށް ބަދަލުކޮށް، އޭނާ ދަނޑުން ފޮނުވާލާފައެވެ.
މިއާއެކު އިރާގު ވެފައިވަނީ ވޯލްޑް ކަޕް ތާރީޚުގައި މެޗެއްގެ ފުރަތަމަ 15 މިނެޓު ތެރޭގައި ލަނޑެއް ވަދެ އަދި ރަތް ކާޑެއް ލިބުނު ދެވަނަ ޓީމަށެވެ. މީގެ ކުރިން މިފަދަ ހާލަތެއް ދިމާވީ 2018 ވަނަ އަހަރު ކޮލަމްބިއާ އާއި ޖަޕާން ބައްދަލުކުރި މެޗުގައެވެ.
މި މެޗުގެ ދެވަނަ ހާފު ފެށިގެން 10 މިނެޓު ވަންދެން އިރާގުން ހިފެހެއްޓި ނަމަވެސް، ތިން މިނެޓު ތެރޭގައި ސެނެގޯލުން ދެ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ނެގިއެވެ. ފުރަތަމަ ލަނޑު ކްރިސްޓަލް ޕެލަސްގެ އިސްމާއީލާ ސާރ ކާމިޔާބުކުރިއިރު، އޭގެ 89 ސިކުންތު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޕާޕޭ ގޭއި ވަނީ ހިތްގައިމު ލަނޑެއް ޖަހައި، ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
ޕާޕޭ ގޭއި ވަނީ ގަޑިއަކު 132 ކިލޯމީޓަރުގެ ބާރުމިނުގައި ފޮނުވާލި ބާރު ހަމަލާއަކުން އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މާނޭ ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުތާ މާ ގިނަ އިރެއް ނުވެ، އެވަަޓަންގެ އިލިމާން އެންޑިއާޔޭ ވަނީ އިތުރު ލަނޑެއް ޖަހައި ސެނެގޯލަށް ތަފާތު ބޮޑު މޮޅެއް ހޯދައިދީފައެވެ.