ENGLISH
27 ޖޫން 2026
އުރުގުއޭ ކަޓުވާލައި ސްޕެއިން އެއްވަނައަށް، އަލަތު މުބާރާތުގައި ކާބޯ ވާޑޭ ދެވަނަ ބުރަށް
27 ޖޫން 2026
|
ވޯލްޑް ކަޕުގައި އުރުގުއޭ ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގައި 1-0 ގެ ނަތީޖާއަކުން އުރުގުއޭ ބަލިކޮށް ގްރޫޕް އެޗް އެއްވަނަ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނުން ހޯދިއިރު، މި މުބާރާތުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ކާބޯ ވާޑޭއިން ދެވަނަ ބުރުގެ ޖާގައެއް ހޯދައިިފިއެވެ. ގްރޫޕް ސްޓޭޖު ފަހު މެޗުގައި ކާބޯ ވާޑޭއިން ވަނީ ސައުދީ އަރަބިއްޔާއާ ވާދަކޮށް، ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.
މި ނަތީޖާތަކާއެކު ސްޕެއިނަށް މި ގްރޫޕުގެ އެއްވަނަ ލިބުނީ ހަތް ޕޮއިންޓާއެކުއެވެ. ދެވަަނަ ހޯދި ކާބޯ ވާޑޭއިން ވަނީ ކުޅުނު ތިން މެޗުވެސް އެއްވަރުކޮށް، ތިން ޕޮއިންޓް ހޯދާފަވެ. ދެ ފަހަރު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދާފައިވާ އުރުގުއޭ ތިންވަނައިގައި އޮތީ ދެ ޕޮއިންޓާއެކުއެވެ. އެއާއެކު އެ ޤައުމު މި ވަނީ ޖެހިޖެހިގެން ދެވަނަ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކަޓާގައެވެ. މި ގްރޫޕުގެ ފުލަށްދިޔަ ސައުދީއަށްވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ.
މެކްސިކޯގެ ގުއާޑަލަހާރާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް އެލެކްސް ބައޭނާ ކާމިޔާބުކުރި ލަނޑުން ސްޕެއިނުން ވަނީ ލީޑު ނަގާފައެވެ. ތަޖުރިބާކާރު ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ އަތުން މި ބޯޅަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގޯލަށް ވަންއިރު، އުރުގުއޭއަށް މި މުބާރާތުގައި ކުރިމަތިވި ނާކާމިޔާބީތަކާއެކު، ކޯޗު މާސެލޯ ބިއެލްސާ ވަނީ ހާފު ނިމުމުން މުސްލޭރާ ބަދަލުކޮށްފައެވެ.
ވޯލްޑް ކަޕުގައި އުރުގުއޭ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އުރުގުއޭގެ ކެޕްޓަން ފެޑެރީކޯ ވަލްވާޑޭ މެޗުގެ ފުރަތަމަ ގަޑިއިރު ހަމަނުވަނީސް ބަދަލުކުރިއިރު، ގްރޫޕް އެޗްގެ މި ކުރިމަތިލުން އުރުގުއޭއަށް ނިމިގެންދިޔައީ ވަރަށް ހިތްދަތި ގޮތަކަށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ އަގުސްޓިން ކަނޯބިއޯ، ސްޕެއިންގެ ޕައު ކުބާސީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިން ބައްދަލުކުރާނީ ގްރޫޕް ޖޭގެ ދެވަނަ ހޯދާ ޓީމަކާއެވެ. މިވަގުތު އެ މަގާމުގައި އޮތީ އޮސްޓްރިއާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެރޭ، އެމެރިކާގެ ލޮސް އެންޖެލިސްގައެވެ.
މީގެ އިތުރުން އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމުގައި ކުޅުނު މެޗުން ޕޮއިންޓެއް ހޯދި ކާބޯ ވާޑޭއަކީ އެންމެ 500،000 (ފަސް ލައްކަ) މީހުންގެ ކުޑަ އާބާދީއެއް އޮންނަ ޖަޒީރާ ޤައުމެކެވެ. އެ ޤައުމުގެ ފުޓްބޯޅަ ޓީމުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ސްޕެއިން އަދި އުރުގުއޭއާ ދެކޮޅަށް ދެއްކި މޮޅު ކުޅުމާއެކު، މުޅި ދުނިޔޭގެ ލޯތްބާއި ސަމާލުކަން ވަނީ ހޯދާފައެވެ.
ވޯލްޑް ކަޕުގައި ސައުދީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކާބޯ ވާޑޭގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ކާބޯ ވާޑޭއިންނެވެ. އެގޮތުން ވިލީ ސެމީޑޯ ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ގޯލްކީޕަރު ދިފާއުކުރިއިރު، އޭނާ ފޮނުވާލި އަނެއް ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މި މެޗުގެ ދެވަނަ ހާފު ފެށުނުތާ މާގިނަ އިރުތަކެއް ނުވަނީސް، އޭރިއާ ބޭރުން ކާބޯ ވާޑޭގެ ކެވިން ޕީނާ ފޮނުވާލި ބާރު ހަމަލާއެއް ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި މެޗުގެ ފަހު 15 މިނެޓަށް އެޅުނުއިރު، ކާބޯ ވާޑޭގެ ލާރޯސް ޑުއާޓޭއަށް ލިބުނު ރަނގަޅު ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ، ސައުދީ ކީޕަރު މުޙައްމަދު އަލް އުވައިސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ބުބިސްޓާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ކާބޯ ވާޑޭ، މުބާރާތުގެ ދެވަނަ ބުރުގައި އަންނަ ހުކުރު ދުވަހުގެރޭ އެމެރިކާގެ މަޔާމީ ސްޓޭޑިއަމުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނެއެވެ. މިއާއެކު ކާބޯ ވާޑޭ ވެގެން ގޮސްފައިވަނީ މުބާރާތުގައި އަލަށް ވާދަކޮށް، ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން ބަލިނުވެ ދެވަނަ ބުރަށް ދަތުރުކުރި އެފްރިކާގެ ތިންވަނަ ޤައުމަށެވެ.