ENGLISH

27 ޖޫން 2026

Advertisement

ޒުވާން ޚަޠީބުންގެ އަދަދު 600 އަށް

27 ޖޫން 2026

|

އައިމިނަތު ޝަފާ

ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ހަތަރު ވަނަ ބުރު ނިންމި ޒުވާނުންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު. ފޮޓޯ؛ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ.

ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް އިންތިޒާމު ކުރެވިފައިވާ ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގައި ދަސްވެނިވި ޚަޠީބުންގެ އަދަދު 600 އަށް އަރައިފިއެވެ.

ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ހަތަރު ވަނަ ބުރު ނިންމި ޒުވާނުންނަށް ސަނަދު ހަަވާލުކުރީ ރޭގައެވެ.  

ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ހަތަރު ވަނަ ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ޒުވާނުން ބައިވެރިވެފައިވެއެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ މަޤްޞަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމާއި ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުންކަމަށެވެ.

މިކަމާ ގުޅިގެން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ވުޒާރާގެ އަމާޒަކީ 1000 ޒުވާން ޚަޠީބުން ބިނާކުރުމާއި 500 ހާފިޒުން އުފެއްދުންކަމަށެވެ. ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

އަދި ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު 310 އަކަށް އަރާފައިވާކަން ހާމަކުރައްވައި ވަޒީރު ވިދާޅުވީ ޤުރްއާން ހިތު ދަސްކުރާ ޕްރޮގްރާމް ފުޅާކޮށް ކްލާސްތައް އިތުރުކުރުމުގެ ނަތީޖާއަކަށްވީ، ޤުރްއާން ހިތު ދަސްކުރާ ކުދިންގެ އަދަދު އިތުރުވަމުން ދިއުންކަމަށެވެ. މި ވަގުތު  ވެސް ދެ ހާހަށް ވުރެ ގިނަ ދަރިވަރުން ހިފްޒު ކުރަމުން ގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ޒުވާން ޚަޠީބުންނާއި އިމާމުންނާއި ޙާފިޒުންނަށް ޚާއްޞަ މަހާސިންތާ އެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު މި މަހާސިންތާގެ ޝަރަފްވެރި މެހްމާނަކަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ ޔާސިރް އައްދައުސަރީ އަށް ދައުވަތު ދެއްވާފައިވެއެވެ.

މި މަހާސިންތާ ބޭއްވުމަށް ރޭވެމުންދަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު