ENGLISH
16 މޭ 2025
ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް މިންވަރެއްގައި ހިފަހައްޓައިފި
16 މޭ 2025
|
މޫޑީސްއިން ފާހަގަކުރި ގޮތުގައި ރިޒާވްގެ ހާލަތު އަންނަނީ ރަނގަޅުވަމުން، ފޮޓޯ: ފައިލް
ސަރުކާރުން އަޅަމުންދާ ހަރުދަނާ މާލީ ފިޔަވަޅުތަކާއެކު ރާއްޖޭގެ ކްރެޑިޓު ރޭޓިން އިތުރަށް ގޯސްނުވާނެކަމަށް ބަލަައި ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހު ރާއްޖެއަށް ދިން ސީއޭއޭ2 ރޭޓިންގައި ރާއްޖޭގެ ކްރެޑިޓު ރޭޓިން ހިފަހެއްޓުމަށް މޫޑީސް ރޭޓިން އެޖެންސީން ނިންމައިފިއެވެ.
އެގޮތުން އެ އެޖެންސީން ނިންމީ ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ހެދި ޕީރިއޮޑިކް ރިވީވަކަށް ފަހުއެވެ. މިއީ އަހަރުގެ ތެރޭގައި ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށް ހަދަމުންދާ ރިވީއުތަކެކެވެ.
ރާއްޖޭގެ ކްރެޑިޓު ރޭޓިން އެއް މިންވަރެއްގައި ހިފަހެއްޓުމަށް ނިންމި ސަބަބުތައް އެ ރިވީއުގައި ބަޔާންކޮށްފަައިވެއެވެ. އެގޮތުން ދައުލަތުގެ ރިޒާވްގެ ހާލަތު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަޑުމަޑުން ރަނގަޅުވަމުންދާކަން މޫޑީސްއިން ފާހަގަަކުރިއެވެ.
ރިޒާވްގެ ހާލަތު ރަނގަޅުވާ މައިގަނޑު ސަބަބެއްގެ ގޮތުގައި މޫޑީސްއިން ފާހަގަކުރީ ނިމުނު އަހަރު ފަހުކޮޅުގައި ސަރުކާރާއި މަރުކަޒީ ބޭންކުން މަނިޓަރީ ގަވާއިދުތަކަށް ގެނައި ބަދަލުތަކެވެ. މޫޑީސްއިން އިޝާރާތްކުރާ ބަދަލަކީ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީން ބައެއް ރަސްމީ މާލީ ނިޒާމުގެ ތެރެއިން ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހުމާއި ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކަކަށް ޖަމާކުރުން ލާޒިމުކުރުމެވެ.
އޭގެ އިތުރަށް ކޮވިޑުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދަށް އައި ހީނަރުކަމަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އެކަށީގެންވާ ހަލުއި ދުވެއްޔައި ކުރިއަރައި ޖުމްލަކޮށް ދިވެހި އިގުތިސާދު އެކަށީގެންވާ މިންވަރަކަށް ފުޅާވަމުންދާކަމަށް މޫޑީސްއިން ބުނެފައިވެއެވެ.
ނަމަވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ނޭދެވޭ ގޮތުގައި އަސަރުކުރުވަފާނެ، މާލީ ބައެއް ގޮންޖެހުންތައް މޫޑީސްއިން ފާހަގަކުރިއެވެ. އެއީ:
- އެމެރިކާގެ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުން ފައިސާ ހޯދުމުގައި ރާއްޖެއަށް ދަތިތަކެއް ކުރިމަތިވުން
- ރާއްޖޭގެ އިގުތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން ބޭރުން އަންނަ ލޮޅުންތަކުން އިގުތިސާދަށް ކުރާނެ އަސަރު ބޮޑުވުން.
- ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އެ ދަރަނި އަދާކުރުމަށް އިތުރަށް ދަރަންޏަށް ފައިސާ ހޯދަންޖެހިފައި އޮތުން
މި ގޮންޖެހުންތައް ހުރިކަން ފާހަގަކުރުމާއެކު މޫޑީސްއިން ފާހަގަަކުރި ގޮތުގައި އަހަރުން އަހަރަށް ދައުލަތުން ކުރާ ހަރަދުތައް ކުޑަކޮށް، ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރެވޭނެ ފިޔަވަޅުތައް އެޅުމަކީ ބައިނަލްއަގުވާމީ ބާޒާރުން ދަރަންޏަށް ފައިސާ ނަގަންޖެހޭ މިންވަރު މަދުވާނެ ކަމެއްގެ ގޮތުގައެވެ.
އަދި މާލީ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ބައެއް ކަންކަންވެސް ފާހަގަކޮށްފައިވެއެވެ. އެއީ:
- ރިޒާވްގެ ހާލަތު ރަނގަޅުކުރުން
- ބަޖެޓު ޑެފިސިޓާއި ވިޔަފާރީގެ ޑެފިސިޓު ކުޑަކުރުން
- ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ފައިނޭންސް ހޯދުން
ސަރުކާރުން އަންނަނީ މި ދާއިރާތަކުން ގިނަ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި އެ ފިޔަވަޅުތަކުގެ ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ.
ބޭރު ފައިސާއިން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމަކީ އަދި ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުވުމަކީ މޫޑީސްއިން ފާހަގަކުރި ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތައް ކުޑަކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ.
ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުން މިހާތަނަށް ނެރެވުނު ނަތީޖާއަށް ބަލާއިރު، މި އަހަރުގެ ޖަނަވަރި އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 551،120،640 (ފަސްސަތޭކަ ފަންސާސްއެއް މިލިއަން އެއްލައްކަ ވިހިހާސް ހަސަތޭކަ ސާޅީސް) ޑޮލަރެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 417،125،203 (ހަތަރުސަތޭކަ ސަތާރަ މިލިއަން އެއްލައްކަ ފަންސަވީސްހާސް ދުއިސައްތަ ތިން) ޑޮލަރެވެ.
އެހެންކަމުން ނިމުނު އަހަރުގެ އެ މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީއަށްވުރެ މި އަހަރު ޑޮލަރުން ލިބުނު އާމްދަނީ 32.2 އިންސައްތަ އިތުރުވެފައިވެއެވެ.
އޭގެ އިތުރަށް ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތުވެސް ވަރަށް ބޮޑަށް ރަނގަޅުވެފައިވެއެވެ. އޭޕްރީލު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 856.3 މިލިއަން ޑޮލަރު ހުއްޓެވެ. އަދި އޭގެ އިތުރަށް ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި ނުގުނާ ރާއްޖޭގެ ބޭންކުތަކުގައި އެމްއެމްއޭއިން އިންވެސްޓުކޮށްފައި ހުރި އެސެޓުގެ ގޮތުގައި 143 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން ޖުމްލަކޮށް ރިޒާވް އެސެޓުގެ ގޮތުގައި 999 މިލިއަން ޑޮލަރު ހުރިކަން އެ ހިސާބުތަކުން ދައްކައެވެ. އެއީ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި އަދަރ ފޮރިން ކަރަންސީ އެސެޓަކީވެސް އެމްއެމްއޭއަށް ރިޒާވްއިން ބޭނުންކުރަންޖެހޭ ހާލަތުގައި ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާއަށް ވާތީއެވެ.
ރިޒާވްގެ ހާލަތު ވަރަށް ބޮޑަަށް ރަނގަޅުވެފައިވާއިރު ކުރު މުއްދަަތުގައި ރިޒާވްއިން ކުރަންޖެހޭ ހޭދައިގެ ގޮތުގައި މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކާ 828 މިލިއަން ޑޮލަރު ޖުމްލަ ރިޒާވް އަދަދުން އުނިކުރުމުން ބޭނުން ހިފޭ ބޭރު ފައިސާގެ އެސެޓުގެ ގޮތުގައި މަރުކަޒީ ބޭންކުގައި 171.3 މިލިއަން ޑޮލަރު ހުރިކަން ދައްކައެވެ.
ބަޖެޓުގެ ޑެފިސިޓަށް ބަލާއިރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި އާމްދަނީ އިތުރުކުރުމަށް ކުރި މަސައްކަތުގެ ސަބަބުން މި އަހަރުގެ މޭ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ބަޖެޓު ހިނގަމުން އައިސްފައި އޮތީ 2.5 ބިލިއަން ރުފިޔާގެ ޖުމްލަ އަރަންޏަކާއެކުއެވެ.
އެހެންކަމުން މި ޓްރެންޑުގައި ބޭރު ފައިސާގެ އާމްދަނީއާއި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ދެމެހެއްޓިއްޖެނަމަ، ކްރެޑިޓު ރޭޓިން ރަނގަޅުވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މިގޮތަށް މާލީ ހާލަތު ދެމެހެއްޓިއްޖެނަމަ ދައުލަތުގެ ދަރަނި އަދާކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމުގައި ނުބެލެވެއެވެ.
ސަރުކާރުން އަންނަނީ އެއްވެސް ދަތިކަމެއް ނެތި މި އަހަރާއި އަންނަ އަހަރު އަދާކުރަންޖެހޭ ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. މިހާތަނަށް މި އަހަރު 2.5 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހަރަދުކުރިއިރު 2022 ވަނަ އަހަރު ދަރަންޏަށް ނެގި 100 މިލިއަން ޑޮލަރު އޭގެ އިންޓަރެސްޓާއެކު ސަރުކާރުންވަނީ މި އަހަރު ދައްކާފަައެވެ.