ENGLISH

16 މޭ 2025

Advertisement

ޕޫޓިން އާއި ޒެލެންސްކީ ނެތި މަޝްވަރާތަކުން ނަތީޖާއެއް ނުކުތުމުގެ އުއްމީދު ކުޑަ!

16 މޭ 2025

|

ހަސަން އާމިރު

ތިން އަހަރު ދުވަހުގެ ދިގު މެދުކެނޑުމަކަށްފަހު، ޔޫކްރޭނާއި ރަޝިޔާއިން ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތައް މިއަދު ފަށާއިރު، ދެ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިނުގަތް، މި މަޝްވަރާތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެކަމާ މެދު ސުވާލު އުފެއްދިއްޖެއެވެ.

ރަޝިޔާ އާއި ޔޫކްރޭނުން ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާ އާއި ވިލާތުގެ އިއްތިހާދުން އިންތިހާއަށް ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގައި، ރަޝިޔާގެ ރައީސް ވްލެޑިމިޔަރ ޕޫޓިން ވަނީ، ތުރުކީގެ ވެރިރަށް އިސްތަންބުލްގައި ޔޫކްރޭނާ ސީދާ މަޝްވަރާތައް ބާއްވަން ހުށަހަޅުއްވައިފައެވެ.

ރަޝިޔާ އާއި ޔޫކްރޭނުގެ ކަމާގުޅޭ އޮފިޝަލުން ތުރުކީގައި ބައްދަލުކުރަން ޕޫޓިން ހުށަހެޅުއްވީ، 30 ދުވަހަށް ޙަމަލާތައް ހުއްޓައިލަން ވިލާތުގެ އިއްތިހާދު އިސްވެ ހުށަހަޅައި، އެ ހުށަހެޅުމަށް ރަޝިޔާއިން އިޖާބަނުދީފިނަމަ، ދަތުރުކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ.

މި މަޝްވަރާތައް ސީދާ ޕޫޓިންއާ ކުރައްވަން، ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ ހުށަހަޅުއްވާފައިވިޔަސް، އެކަމަށް ރަޝިޔާއިން އެއްބަސްވެފައެއް ނުވެއެވެ.

ދެ ޤައުމުގެ މަންދޫބުން މިހާރު ތުރުކީއަށް ވަޑައިގެންފައިވާއިރު، އިއްޔެ ފަށަން އޮތް މަޝްވަރާތައް މިއަދަށް ވަނީ ލަސްވެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ ގޮތުގައި، މި މަޝްވަރާތަކުން މާބޮޑު ކުރިއެރުމެއް ލިބޭނެކަމުގެ އުއްމީދެއް ނެތް ކަމަށެވެ.

ރޫބިޔޯގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މި މަޝްވަރާތަކުން ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެކަމުގެ އުއްމީދު ކުޑަކަމަށް ވިދާޅުވެފައެވެ.

އަދި މިކަމުގައި ސީދާ ޕޫޓިންއާ އެ މަނިކުފާނު ބައްދަލުވުމުގެ ކުރިން ކުރިއެރުމެއް ލިބުން ނާދިރުކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން ޒެލެންސްކީ ވިދާޅުވީ، ހަނގުރާމަ ހުއްޓައިލަން ރަޝިޔާއިން ސީރިއަސްކޮށް ބޭނުންނުވާނަމަ، ކުރެވޭ އެއްވެސް މަޝްވަރާއެއްގެ މާބޮޑު ބޭނުމެއް ނެތް ކަމަށެވެ.

މި މަޝްވަރާތަކުގައި ރަޝިޔާގެ ވަފްދުގައި އިސްކޮށް ހުންނެވީ ވެސް، ޔޫކްރޭނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ޕޫޓިންގެ އެޑްވައިޒަރެކެވެ. ޔޫކްރޭނުން މި މަޝްވަރާތަކަށް ފޮނުވި ވަފްދުގައި އިސްކޮށް ހުންނެވީ އެ ޤައުމުގެ ދިފާޢީ ވަޒީރެވެ.

ކިޔުންތެރިންގެ ހިޔާލު