ENGLISH

17 މޭ 2025

Advertisement

ސީ-ޓު-އެއަރ ކާގޯ: އަހަރެއްތެރޭ ދެ މިލިޔަން ކިލޯގެ މުދާ އުފުލައި އެމްއޭސީއެލްއަށް ބޮޑު ކާމިޔާބީއެއް

16 މޭ 2025

|

ޝާމަ ޝުޢައިބު

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު. --ފޮޓޯ: އެމްއޭސީއެލް

މިދިޔަ އަހަރުގެ މެއި މަހު ފެށި ސީޓު އެއަރ ކާގޯ މަޝްރޫއުއާއެކު އެއް އަހަރުގެ ތެރޭ ދެ މިލިއަން ކިލޯގެ މުދާ އުފުލައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. 

އެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ކާގޯ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހައި މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާފައެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މި ޚިދުމަތް ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖެއަށް ގިނަގުނަ، ޚާއްސަކޮށް އިގްތިސާދީ ގޮތުން އެތައް މިލިޔަން ޑޮލަރެއް ވަދެފައިވާ ކަމަށެވެ. 

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. މި ޚިދުމަތް އެމްޕީއެލްއިން ތަޢާރަފުކުރީ މިދިޔަ އަހަރުގެ މާރޗު މަހު އެވެ. އަދި ފުރަތަމަ ޝިޕްމަންޓް ރާއްޖެއިން ފޮނުވީ މެއި މަހުގެ ތެރޭގައެވެ.

މުދާ ފޮނުވޭ ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ޔޫރަޕުގެ ޤައުމުތައް ހިމެނެއެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް އާންމުކޮށް ރާއްޖެއިން ބޭރުކުރަނީ ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ.

ރާއްޖޭގައި މި ޚިދުމަތް ދެނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު