ENGLISH
17 މޭ 2025
ރައީސުލްޖުމްހޫރިއްޔާ، ސާފް 19 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ޒުވާން ޤައުމީ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފި
16 މޭ 2025
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު. --ފޮޓޯ: އެފްއޭއެމް
އިންޑިއާގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މިއަހަރުގެ ސާފް 19 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު ކުޅޭއިރު މުޅި ޤައުމު އޮތީ އެ ޓީމާއެކުގައި ކަމަށާއި، ޤައުމީ ލޯތްބާއެކު އެ ކުޅުންތެރިން ކުރާ ހިތްވަރަށް ސާބަސް ދެއްވާ ކަމަށެވެ.
މިރޭގެ މެޗުގައި އިންޑިއާގެ މައްޗަށް ޒުވާން ޤައުމީ ޓީމަށް ފުރިހަމަ ކާމިޔާބީއަކަށް އެދޭ ކަމަށް ވެސް އެމަނިކުފާނުގެ ކުރެއްވި ޕޯސްޓުގައިވެއެވެ.
މިއީ 2023 ވަނަ އަހަރުގެ ފަހުން އެއްވެސް އުމުރުފުރާއެއްގައި ރާއްޖޭގެ ޓީމަކުން ސާފްގެ މުބާރާތެއްގެ ސެމީގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލުގައި ގޯލްޑެން ޖުބިލީ ސްޓޭޑިއަމްގައި ރާއްޖޭން މިރޭ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 7 ޖަހާއިރު އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މެއި 18 ގައެވެ.