ENGLISH
16 މޭ 2025
ޚާރިޖީ ވަޒީރު ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
16 މޭ 2025
|
ޚާރިޖީ ވަޒީރު ކުވޭތުގައި-- ފޮޓޯ: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދަޢުވަކަށް ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުالله ޚަލީލް ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅުގައި ކުވޭތާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ކުވޭތުގެ ބޮޑުވަޒީރުގެ މަޤާމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޝެއިޚް ފަޙަދު ޔޫސުފު ސަޢުދު އަލް ސަބާގެ އަރިހަށް ވަޒީރު ޑރ އަބްދުﷲ ޚަލީލް ވަނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި ސިއްޙީ ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި، ބިނާރާ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް ވަޒީރުގެ ބައްދަލުވުންތަކުގައި އަލިއަޅުއްވާލެއްވިއެވެ.
އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މަތީގައި ބިނާކޮށްފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ތަފާތު ދާއިރާތަކުން ގުޅުންތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވަޒީރު މަޝްވަރާ ކުރެއްވިއެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާއާއި ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ނަޝާ އިސްމާއިލް ބައިވެރިވެވަޑައިގެންނެވިއެވެ.