ENGLISH

05 ޖުލައި 2025

Advertisement

މާތް ނަބިއްޔާގެ ސުންނަތަށް އިންކާރުކުރާ މީހާ، ޙަޤީޤަތުގައި ޤުރްއާނަށްވެސް އީމާނެއް ނުވޭ: ޚުޠުބާ

16 މޭ 2025

|

އިސްމާއީލް ރާތިއު

އިސްލާމީ މަރުކަޒު-- ފޮޓޯ: އެމްއެމްޓީވީ

މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް އިންކާރުކުރާ މީހާ، ޙަޤީޤަތުގައި ޤުރްއާނަށްވެސް އީމާނެއް ނުވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"އިސްލާމީ ޝަރީޢަތުގައި ސުންނަތުގެ މަޤާމު" މި މައުޟޫއަށް މިއަދު މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނެފައިވަނީ، ﷲގެ ކަލާމްފުޅު އަހަރުމެންނާ ހަމައަށް އައިސްފައިވަނީ މާތް ނަބިއްޔާގެ ދޫފުޅުމަތިން ކަމަށްވާއިރު، އެކަލޭގެފާނުގެ ސުންނަތަށް އިންކާރު ކުރާނަމަ، އެ މީހަކީ ޙަޤީޤީ މާނައިގަ ކީރިތި ޤުރްއާނަށްވެސް އީމާންވާ މީހެއް ނޫންކަމަށެވެ. މިކަމުގެ ދަލީލެއްގެ ގޮތުން އަޙްޒާބު ސޫރަތުގެ 36 ވަނަ އާޔަތް ޚުތުބާގައި ގެނެސްފައިވެއެވެ. އެ އާޔަތުގައި ވަނީ، ﷲ އާއި އެކަލާނގެ ރަސޫލާ، ކަމެއްގައި ނިޔާ ކަނޑައެޅުއްވުމުން އެއްވެސް މުއުމިނަކަށް (އަންހެނެއްވިޔަސް، ފިރިހެނެއްވިޔަސް) އެކަމަށް އިންކާރު ކުރުމުގެ އިޚްތިޔާރު ނޯންނާނެ ކަމަށާއި، ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ، ފާޅުވެގެންވާ މަގުފުރެދުމަކުން ފުރެދިއްޖެ ކަމަށެވެ.

ޚުތުބާގައި ބުނެފައިވާ ގޮތުގައި، އިންސާނުން ދުނިޔޭގައި އުޅުމަށް ﷲ ތަޢާލާ ޚިޔާރުކުރައްވާފައިވާ މަގު ކަމުގައިވާ އިސްލާމްދީން އަހަރުމެންނާ ހަމައަށް އައިސްފަވަނީ އިތުރު އެކަލޭގެފާނު މެދުވެރި ކުރައްވައެވެ. އެހެންކަމުން އެކަލޭގެފާނުގެ ސުންނަތް ހިމެނިގެންދަނީ އިސްލާމްދީން އެ ދެ އަސާސްގެ މައްޗަށް ބިނާވެފައިވާ ދެ އަސާސްގެ ތެރެއިން ދެވަނަ އަސާސްކަން ފާހަގަކޮށްފައިވެއެވެ. ފުރަތަމައީ، ﷲ ތަޢާލާގެ ކަލާމްފުޅު، ކީރިތި ޤުރްއާން ކަމަށާއި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށް އަމުރުކުރެއްވުމާ ވިދިގެން، މާތް ނަބިއްޔާއަށް ކިޔަމަންތެރިވުމަށް އަމުރުކުރައްވާކަން ޚުތުބާގައި ބަޔާންކޮށްދީފައިވެ އެވެ. އަދި ﷲ ތަޢާލާއަށް ނުކިޔަންތެރިވުމެކޭ އެއްފަދައިން މާތް ނަބިއްޔާއަށް ނުކިޔަމަންތެރިވުމުންވެސް މީހާގެ ހެޔޮ ޢަމަލުތައް ބާޠިލުވާނެކަމަށް މުޙައްމަދު ސޫރަތުގެ 33 ވަނަ އާޔަތުގެ އަލީގައި ޚުޠުބާގައި ބުނެފައިވެއެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ގެނެސްދެއްވި ކަންތައްތަކުގައި ހިފާ، އެކަލޭގެފާނު ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުމަށް، ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ކަމާއި އެކަލޭގެފާނަށް ތަބަޢަވެއްޖެ މީހާ، ﷲ ތަޢާލާއަށް ތަބަޢަވެއްޖެކަން ހަނދާންކޮށްދީފައިވެއެވެ.

"އިތުރު އެކަލޭގެފާނަކީ ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވުނު ނަބިއްޔެއް ކަމުން، އެކަލޭގެފާނުގެ ސިޔަރަތުގައި އަހަރުމެންނަށް އެތަކެއް ޢިބުރަތަކާއި އެތަކެއް ދަރުސްތަކެއް ވާނެކަން ކަށަވަރެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުން އަހަރުމެންނަށް އެތައް ކަމެއްގައި ރިވެތި ނަމޫނާތަކެއް ވާނެކަން ޔަޤީނެވެ." އަޙްޒާބު ސޫރަތުގެ 21 ވަނަ އާޔަތުގެ އަލީގައި މި ޙަޤީޤަތް ޚުތުބާގައި ބަޔާންކޮށްދީފައިވެއެވެ.

އަދި އެ އާޔަތުގައި، މާތް ނަބިއްޔާގެ ޙަޔާތްޕުޅުގައި އަހަރުމެންނަށް ރިވެތި ނަމޫނާއެއް ވާކަން ބަޔާންކުރެއްވުމާ ވިދިގެން ވަނީ ﷲ ތަޢާލާގެ ދަރުމައަށާއި އާޚިރަތް ދުވަހުގެ ޘަވާބަށް އެދި، ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމަށް އަންގަވާފައިވާ ކަމަށް ޚުތުބާގައި ވަނީ ބަޔާންކޮށްދީފައެވެ.

ނަމަވެސް ހިތާމައަކީ ފަހަކަށް އައިސް އިތުރު އެކަލޭގެފާނުގެ ސުންނަތަށް އިންކާރުކުރާ މީހުން ގިނަވަމުން އަންނަކަން ކަމަށާއި މިފަދަ މީހުން ޤަބޫލުކުރާ ގޮތުގައި، ޤުރްއާނަށް އެކަނި ތަބަޢަވުމުން ފުދޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ނަމަވެސް އިސްލާމީ ޝަރީޢާގެ ގިނަ ކަންތައްތަކަކީ ހަމައެކަނި ޤުރްއާނުގެ އަލީގައި ފުރިހަމައަށް ދެނެގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

"އިސްލާމްދީން ޤަބޫލުކުރުމަށްފަހު، އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރަން އަންގަވާފައިވާ އަޅުކަން ކަމަށްވާ ނަމާދަށް ބަލާލިޔަސް މިކަން ސާފުކޮށް ދޭހަވެގެންދާނެއެވެ. ކީރިތި ޤުރްއާނުގައި ނަމާދު ފަރުޟުކުރައްވާފައި ވީނަމަވެސް، ނަމާދު ކުރަންވީ ގޮތާއި ވަގުތުތަކުގެ ތަފްޞީލެއް އައިސްފައެއް ނުވެއެވެ. މިކަންކަން އެނގެން އޮތީ މާތް ނަބިއްޔާގެ ސުންނަތުންނެވެ. އަދި ނަމާދު ކުރަންވީގޮތް ޢަމަލީގޮތުން ދައްކަވާދެއްވާ، އެކަލޭގެފާނު ނަމާދުކުރައްވާތީ ފެނިވަޑައިގަތް ގޮތަށް ނަމާދު ކުރުމަށް އަމުރުކުރައްވާފައި ވެއެވެ." ޚުތުބާގައި ބުނެފައިވެއެވެ. "ﷲ ތަޢާލާގެ ފޮތާއި، މާތް ނަބިއްޔާގެ ގޮތަކީ ވަކި ނުކުރެވޭނެ ދެކަންތައް ކަން ޝަހާދަތުގެ ދެކަލިމައިންވެސް ސާފުވެއެވެ. އެހެނީ، މުސްލިމަކަށް ވެވެނީވެސް ﷲ ތަޢާލާއީ ދެވަނައެއް ނުވާ ހަމައެކަނި ރައްބުކަމަށް ހެކިވުމާއެކު، މުޙައްމަދުގެފާނީ އެ ރައްބު ފޮނުއްވި މާތް ރަސޫލާ ކަމަށްވެސް ހެކިވެގެންނެވެ. ދެކަމުންކުރެ ކަމެއް އުނިވާ ނަމަ އެމީހެއްގެ އިސްލާމްކަން ފުރިހަމަ ނުވެއެވެ."

މާތް ނަބިއްޔާގެ ސުންނަތަށް އިންކާރުކުރާ މީހުން ބުނާ ބުނުމަކީ، އެކަލޭގެފާނުގެ ސުންނަތް އަހަރުމެންނާ ހަމައަށް އައިސްފައި ވަނީ އިތުބާރުހިފޭ ގޮތަކަށް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެނީ، އެކަލޭގެފާނުގެ ސުންނަތަކީ، ޤިޔާމަތްދުވަހާ ހަމައަށް ރައްކާތެރި ކުރައްވާނެކަމަށް ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވާ އެކަލާނގެ ދީނުގެ ބައެއް ކަމާއި އަދި ކީރިތި ޤުރްއާންވެސް، މާތް ނަބިއްޔާގެ ސުންނަތް ވެސް އަހަރުމެންނާ ހަމައަށް ތަވާތިރުކޮށް އައިސްފަވަނީ އެއް މަގަކުންކަން ބަޔާންކޮށްދީފައިވެއެވެ. އަދި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތަކީ ވަކި ނުކުރެވޭނެ ދޭއްޗެއް ކަމާއި، އިތުރު އެކަލޭގެފާނު ވަނީ ފަހުޒަމާނަށް އައިސް އެކަލޭގެފާނުގެ ޙަދީޘްފުޅުތައް ދޮގުކުރާނެ ބަޔަކު އަންނާނެކަމުގެ އިންޛާރު ދެއްވާ، އެފަދަ މީހުންނަށް ސަމާލުވުމަށް އަންގަވާފައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިތުރު އެކަލޭގެފާނު ވަނީ އެކަމަށް އިންކާރު ކޮށްފި ބަޔަކު ފިޔަވާ، މި އުންމަތުގެ އެންމެންނަށް ސުވަރުގެ ވަދެވޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައި ކަމަށް ޚުތުބާގައި ބަޔާންކޮށްދީފައިވެއެވެ. އިންކާރުކުރާ މީހުންނަކީ ކޮބާތޯ އަޞްޙާބުން ސުވާލުކުރެއްވުމުން އެއީ މާތް ނަބިއްޔާގެ ރިސާލަތަށް އިންކާރުކުރާ މީހުންކަމަށް ޙަދީޘްކުރެއްވި ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި، އަހަރުމެންނަކީ ސުވަރުގެވަންތަވެރިން ކަމަށްވާން ބޭނުންނަމަ އަހަރުމެންގެ މައްޗަށް އޮތީ އެކަމަށް ދުޢާކުރުމާއެކު، މާތް ނަބިއްޔާގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލޭގެފާނު ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމެވެ.

ކިޔުންތެރިންގެ ހިޔާލު