ENGLISH
05 ޖުލައި 2025
ފެނަކައިގެ މަޝްރޫއުތައް މުއްދަތަށް ނުނިމި، ނެގި މުވައްޒަފުންނަށް ބޮޑު ހަރަދެއް
16 މޭ 2025
|
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދާއި ކުރީގެ ރަައީސް އިބްރާހީމް މުހައްމަދު ސޯލިހު
ފެނަކަ ކޯޕަރޭޝަނުން ހިންގި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ކަނޑައެޅި މުއްދަތުގައި ނުނިމި، އިތުރަށް ހޭދަވި މުއްދަތުގައި އެ މަޝްރޫއުތަކަށް ނެގި މުވައްޒަފުންނަށް 261 މިލިއަން ރުފިޔާ ހަރަދުވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ހާއްސަ އޮޑިޓު ރިޕޯޓެއްގައި ހާމަކޮށްފިއެވެ.
އެ ރިޕޯޓުގައި ފާހަގަކުރި ގޮތުން އިންޖީނުގެއާއި އައު އޮފީސް އިމާރާތް އެޅުމުގެ 62 މަޝްރޫއަކާއި، ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމުގެ 18 މަޝްރޫއަކާއެކު ޖުމްލަ 80 މަޝްރޫއެއް 2021 ވަނަ އަހަރުން ފެށިގެން އިން-ހައުސް މަޝްރޫއުތަކުގެ ގޮތުގައި އެ ކުންފުނިން ކުރިއަށްގެންދިޔައެވެ. އަދި މި މަޝްރޫއުތައް ހިންގުމަށް ނެގި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 437،192،281 (ހަތަރުސަތޭކަ ތިރީސްހަތް މިލިއަން އެއްލައްކަ ނުވަދިހަ ދެހާސް ދުއިސައްތަ އަށްޑިހަ އެއް) ރުފިޔާ ހަރަދުވެފައިވެއެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ކުންފުނިން އިންހައުސްކޮށް ކުރިއަށްގެންދަން ކަނޑައެޅި ބައެއް މަޝްރޫއުތައް ހިންގަން ކަނޑައެޅި ބިން ސާފުކޮށް، ފައުންޑޭޝަން އެޅުމުގެ މަސައްކަތްކޮށް އެތަންތަނަށް މަސައްކަތަށް ބޭނުންވާ ސާމާނު ގެންދިޔަ ނަމަވެސް އިތުރަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ. ނަމަވެސް އަމަލީ މަސައްކަތް ކުރިއަށްނުދިޔަ ނަމަވެސް އެ މަސައްކަތްތައް ކުރުމަށް ވަގުތީ ގޮތުން ވަޒީފާއަށް ނެގި މުވައްޒަފުންނަށް އެ ކުންފުނިން އައީ މުސާރަ ދެމުންނެވެ.
އެގޮތުން އަމަލީ މަސައްކަތް ނުފަށައި އޮތް ތިން މަޝްރޫއެއްގައި މަސައްކަތްކުރަން ނެގި މުވައްޒަފުންނަށް 13،537،720 (ތޭރަ މިލިއަން ފަސްލައްކަ ތިރީސްހަތްހާސް ހަތްސަތޭ ވިހި) ރުފިޔާވަނީ ހަރަދުކޮށްފައެވެ.
އިމާރާތްކުރަން ފެށި ތަންތަނަށް ބަލާއިރު އެތަންތަނުގެ މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުތަކަށް ނިންމައިނުލެވި ދިގުލައިގެން ގޮސްފައިވާއިރު، އެ މަޝްރޫއުތައް ހިންގުމަށް ވަގުތީ ގޮތުން ވަޒީފާއަށް ނެގި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް ހަރަދުކޮށްފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި މަޝްރޫއުތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށްގެންދިޔަނަމަ މަޝްރޫއުތައް ނިމުމަށް ހޭދަވާނެ ކަމުގައި ބެލެވޭ މުއްދަތުގެ އިތުރަށް މަޝްރޫއުތަކުގެ މަސައްކަތުގައި ހޭދަވި މުއްދަތުގައި ވަގުތީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށް 247،839،444 (ދުއިސައްތަ ސާޅީސްހަތް މިލިއަން އަށްލައްކަ ތިރީސްނުވަހާސް ހަތަރުސަތޭކަ ސާޅީސް ހަތަރު) ރުފިޔާ ހަރަދުވިކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ފައިސާގެ ތެރެއިން 55 މިލިއަން ރުފިޔާއަކީ އެ މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް ވަޒީފާގައި ބައިތިއްބަންޖެހުމުން 2024 ވަނަ އަހަރު ހަރަދުވި ފައިސާކަންވެސް އެ ރިޕޯޓުން އެނގެއެވެ.
މަޝްރޫއުތަކުގެ މަސައްކަތް ނިންމުމަށް ވަގުތީ ގޮތުން ވަޒީފާއަށް ނެގި މުވައްޒަފުންގެ އިތުރަށް އެ މަޝްރޫއުތަކުގައި މަސައްކަތަށް ހާއްސަކުރި އެ ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ރަސްމީ މުސާރައައި އިނާޔަތުގެ އިތުރަށް އެލަވެންސެއް އައީ ދެމުންނެވެ. އެގޮތުން އެ މުވައްޒަަފުންނަށް ހާއްސަ އެލަވެންސް ދިނުމަށް 5 އަހަރު ތެރޭ ޖުމްލަ 19،553،898 (ނަވާރަ މިލިއަން ފަސްލައްކަ ފަންސާސް ތިންހާސް އަށްސަތޭކަ ނުވަދިހަ އަށް) ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ކުންފުނީގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ހާއްސަ މަސައްކަތަށް ދޭ އެލަވެންސަކީ ރަސްމީ މަސައްކަތުގެ ވަގުތުގެ އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތްކުރުވައިފިނަމަ އެވަގުތަށް ދުވާލަކަށް 225 ރުފިޔާގެ ރޭޓުން ދޭ އެލަވެންސެކެވެ. ނަމަވެސް މަޝްރޫއުތަކުގައި މަސައްކަތްކުރަން ފުރުސަތުދިން މުވައްޒަފުންނަށް ހާއްސަ އެލަވެންސް ދެމުންއައީ ރަސްމީ ގަޑީގެ އިތުރަށް މަސައްކަތްކުރި ދުވަސްތަކާއި، އެ ދުވަސްތަކުގައި ރަސްމީ ގަޑީގެ އިތުރަށް މަސައްކަތުގައި ހޭދަކުރި ވަގުތު އެނގޭ ގޮތަށް ރެކޯޑުކޮށް ބަލަހައްޓައިގެން ނޫނެވެ.
އޭގެ އިތުރަށް އިންހައުސް މަޝްރޫއުތަކުގައި މަސައްކަތްކުރުމަށް ވަގުތީ ގޮތުން ވަޒީފާއަށް ނެގި މުވައްޒަފުންގެ ތެރެއިން 37 މުވައްޒަފަކަށް 229،711 ރުފިޔާ އެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތަކަށްވުރެ އިތުރަށް ކުންފުނިން ދީފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކުރިއެވެ.
އޮޑިޓު ރިޕޯޓުން އެނގޭ ގޮތުގައި ފެނަކަށް މުވައްޒަފުން ނަގަމުން ގޮސްފައިވަނީ ފެނަކައިގެ ހިދުމަތްތައް ފުޅާވަމުންދިޔަ މިންވަރާ އެކަށީގެންވާ ގޮތަކަށް ނޫނެވެ. އަދި އިންތިހާބުތަކާ ދިމާކޮށް ފެނަކަށް މުވައްޒަފުން ނެގި މިންވަރު އިތުރުވެފައިވާކަން އޮޑިޓުން ހާމަވެއެވެ.
ފެނަކައަކީ މި ސަރުކާރު ފެށުނުއިރު އެންމެ ނިކަމެތި ހާލަތަށް ވެއްޓިފައި އޮތް ސަރުކާރު ކުންފުންޏެވެ. އަމިއްލަ ވިޔަފާރިތަކަށް އެތައް ބިލިއަން ރުފިޔާއަކުން ދަރާފައި އޮތްއިރު ކުންފުންޏަށް ބޭނުންނުވާ އަދަދަކަށް މުވައްޒަފުން ނަގާފައިވެއެވެ. އަދި ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި އިންޖީނުގެތަކާއި، ފެން ޕްލާންޓުތައް މަރާމާތުކޮށް ބަލަހައްޓާފައި ނެތުމުގެ ސަބަބުން އެތަންތަނުގެ ހިދުމަތަށް ބުރޫއަރައި މަރާމާތަށް ގިނަ އަދަދެއް ހަރަދުކުރަންވަނީ މަޖުބޫރުވެފައެވެ.