ENGLISH
16 މޭ 2025
ފެނަކައިގެ އޮޑިޓު؛ ވަޒީފާއަށް ނެގުމުގައި އަދި ކުރިއެރުން ދިނުމުގައި ބޮޑެތި ގޯސްތަކެއް
16 މޭ 2025
|
ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދު، ފޮޓޯ: މިހާރު
ފާއިތުވި ދައުރުގައި ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް ވަޒީފާގެ ކުރިއެރުން ދީފައިވާކަން އެ ކުންފުނީގެ ރެކްރޫޓްމެންޓާއި ޕްރޮމޯޝަނާއި ޕޭ ރޯލާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ހާއްސަ އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.
އެގޮތުން އެ ރިޕޯޓުގައި ބުނެފައިވަނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 1،398 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ހަމަޖައްސާފައިވާއިރު، އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އަހަރެއްގެ ތެރޭގައި އެއްފަހަރަށްވުރެ ގިނައިން ވަޒީފާގެ ކުރިއެރުން ދިން މީހުންނާއި، ޕާފޯމަންސް އެޕްރައިޒްލް ނުހަދައި ވަޒީފާގެ ކުރިއެރުން ހަމަޖެއސި މީހުން ހިމެނޭ ކަމަަށެވެ.
ފެނަކައިގެ މުވައްޒަފުންގެ ގަވާއިދުގައި ބުނެފައިވަނީ ވަޒީފާގެ ކުރިއެރުން ދެވޭނީ ވަޒީފާގެ ކުރިއެރުން އެންމެ ފަހުން ލިބުނުތާ ދެ އަހަރާއި ހަތަރު އަހަރުވެފައިވާ މުވައްޒަފުންގެ ތެރެއިން ފާއިތުވި ދެ އަހަރު އެޕްރައިޒަލްގެ ނަތީޖާ ޖުމްލަ 170 ޕޮއިންޓަށްވުރެ މަތި ނުވަތަ ވޭތުވި ހަތަރު އަހަރުގެ އެޕްރައިޒލްގެ ނަތީޖާ ޖުމްލަ 300 ޕޮއިންޓަށްވުރެ މަތިން ލިބޭ މުވައްޒަފުންނަށް ކަމުގައެވެ.
ނަމަވެސް ވަޒީފާގެ ޕްރޮމޯޝަން ލިބުނުތާ އެއް އަހަރު ނުވަނީސް 72 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ދީފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކުރިއެވެ.
އިތުރަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ވަޒީފާގެ ކުރިއެރުން ހަމަޖެއްސުމުގައި މުވައްޒަފުގެ އެޕްރެއިޒަލްއަށް ރިއާޔަތްކުރަންޖެހޭކަން ފެނަކައިގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް 231 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ދީފައިވާ ގޮތް އޮޑިޓު ސާމްޕަލިން އުސޫލުން ބެލިއިރު، އެއިން 131 މުވައްޒަފަކަށް ވޒީފާގެ ކުރިއެރުން ދިނީ ފާފޯމަންސް އެޕްރައިޒް ފުރިހަމަނުކުރަނީހެވެ.
އޭގެ އިތުރަށް ޑިޕާޓުމެންޓުތަކށް މުވައްޒަފުން ހޯދުމަށް އެދިފައިނުވަނީސް މުވައްޒަފުން ނަގާފައިވާކަން ރިޕޯޓުގައި ފާހަގަކުރިއެވެ. އެގޮތުން 2021، 2022 އަދި 2021 ވަނަ އަހަރު ތެރޭގައި 210 މުވައްޒަފަކު ކުންފުންޏަށް ނަގާފައިވަނީ އެ މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސި ޑިޕާޓުމެންޓުތަކުން ރިކުއެސްޓުކޮށްގެންކަން ކަށަވަރުކުރަން އޮޑިޓު އޮފީހުން ބެލިއިރު އެއިން 103 މުވައްޒަަފުންނަށް ވަޒީފާ ހަމަޖެއްސުމުގެ ކުރިން އެ މުވައްޒަފުން ނެގި ޑިޕާޓުމެންޓުތަކަށް މުވައްޒަފުން ބޭނުންވެގެން އެދިފައި އޮތްކަން އެނގެން ނެތެވެ.
އަދި އެގޮތަށް އެ މުވައްޒަފުން ވަޒީފާއަށް ނަގާފައިވަނީ އިންޓަވިއުކުރުމަށްފަހުތޯ ބެލިއިރު އެއިން 124 މުވައްޒަފުން ވަޒީފާއަށް ނަގާފައިވަނީ އިންޓަވިއުނުކޮށެވެ. ނަތީޖާއެއްގެ ގޮތުން ވަޒީފާއަށް އެންމެ ގާބިލުނޫން މީހުން ނެގުމަށް މަގުފަހިވެފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.